09 Dec 2012, 13:40
އިބްރާހިމް ނާސިރު އިންޓަނޭޝަލް އެއާޕޯޓް ތަރައްގީކޮށް ހިންގާނެ ގޮތް ކަނޑައެޅުމަށް ގައުމީ ފެންވަރުގެ މަހާސިންތާއެއް ބޭއްވުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި އެވެ.
އަދާލަތު ޕާޓީގެ އޮފީހުގައި މިއަދު ނޫސްވެރިނާ ބައްދަލު ކުރައްވައި އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ އެއާޕޯޓް ތަރައްގީކޮށް ހިންގުމުގެ މަޝްރޫއަކީ ލަސްކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެކަން ކުރުމަށް ޓަކައި ކަމާ ގުޅުން ހުރި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ސަރުކާރުން މަހާސިންތާއެއް ބާއްވަން ޖެހޭ ކަމަށެވެ.
"ރާއްޖޭގައި ތިބި މިދާއިރާތަކުގެ ހުރިހާ މީހުން އެއްކޮށްގެން ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ގައުމީ މަހާސިންތާއެއް ބޭއްވި އޭގެއިން ނެރެވޭ ނަތީޖާއެއްގެ ގޮތުން އެއާޕޯޓް ހިންގާނެ ގޮތުގެ މައިގަނޑު މުސްތަގުބަލެއް ތަސައްވުރެއް ކަނޑައަޅަން ޖެހޭ،" އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަމާ ގުޅުން ހުރި ހުރިހާ ފަރާތްތައް ހިމެނޭ ގޮތަށް ބާއްވާ މަހާސިންތާ އަށް ފަހު އެއާޕޯޓް ހިންގާނެ ގޮތުގެ ތަސައްވުރެއް އެކުލަވާލުމަށް ފަހު އެއާޕޯޓު ހިންގަން ހަވާލު ކުރަން ޖެހޭނީ ސިޔާސީ ވިސްނުމުން އެއްފަރާތްވެ ތިބެ ހުނަރުވެރިކަމާ އެކު މަސައްކަތް ކުރެވޭ ބަޔަކަށް ކަމަށެވެ. އަދި އެއާޕޯޓު ތަރައްގީ ކުރުމުގައި ރާއްޖެ އިން ބޭރުގެ ފަރާތްތަކުގެ ތަޖުރިބާ އާއި ހުނަރުވެރިކަން ބޭނުންކުރަން ޖެހިއްޖެ ހިނދެއްގައި އެކަން ވެސް ކުރެވިދާނެ ކަމަށާއި ނަމަވެސް އެއާޕޯޓް ތަރައްގީކުރަންވާނީ ރާއްޖޭގެ ވިސްނުމުގެ މައްޗަށް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
"ހަމައެއާ އެކުގައި ބޭރުގެ ތަޖުރިބާއާ އެކުގައި ބޭރުގެ ފަރާތްތަކުގެ ހުނަރުވެރިކަން ބޭނުންކުރަން ޖެހިއްޖެ ހާލަތްތަކެއްގައި އެ ހުނަރުވެރިކަމާއި ތަޖުރިބާ ބޭނުންކޮށްގެން އެކަމުގެ މައްޗަށް ބިނާކޮށް ރާއްޖޭގެ ވިސްނުމުގެ މައްޗަށް އެއާޕޯޓް ތަރައްގީކޮށް ބިނާކުރެވުމުން އަޅުގަނޑުމެންގެ އަމިއްލަ ވަންތަކަން އިހުސާސްކުރެވި އަމިއްލައަށް މަސައްކަތް ކުރެވިގެން ދާނީ،" އިމްރާން ވިދާޅުވި އެވެ.