އިބްރާހިމް ނާސިރު އިންޓަނޭޝަލް އެއާޕޯޓް ތަރައްގީކޮށް ހިންގާނެ ގޮތް ކަނޑައެޅުމަށް ގައުމީ ފެންވަރުގެ މަހާސިންތާއެއް ބޭއްވުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި އެވެ.

އަދާލަތު ޕާޓީގެ އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ އެއާޕޯޓް ތަރައްގީކޮށް ހިންގުމުގެ މަޝްރޫއަކީ ލަސްކޮށްގެންވާނެކަމެއް ނޫންކަމަށާއި އެކަން ކުރުމަށްޓަކައި ކަމާ ގުޅުން ހުރި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ސަރުކާރުން މަހާސިންތާއެއް ބާއްވަން ޖެހޭ ކަމަށެވެ.

"ރާއްޖޭގައި ތިބި މިދާއިރާތަކުގެ ހުރިހާ މީހުން އެއްކޮށްގެން ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ގައުމީ މަހާސިންތާއެއް ބޭއްވި އޭގެއިން ނެރެވޭ ނަތީޖާއެއްގެ ގޮތުން އެއާޕޯޓް ހިންގާނެ ގޮތުގެ މައިގަނޑު މުސްތަގުބަލެއް ތަސައްވުރެއް ކަނޑައަޅަން ޖެހޭ،" އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަމާގުޅުން ހުރި ހުރިހާ ފަރާތްތަށް ހިމެނޭގޮތަށް ބާއްވާ މަހާސިންތާއަށް ފަހު އެއާޕޯޓު ހިންގާނެ ގޮތުގެ ތަސައްވުރެއް އެކުލަވާލުމަށް ފަހު އެއާޕޯޓު ހިންގަން ހަވާލު ކުރަންޖެހޭނީ ސިޔާސީ ވިސްނުމުން އެއްފަރާތްވެ ތިބެ ހުނަރުވެރިކަމާ އެކު މަސައްކަތް ކުރެވޭ ބަޔަކަށް ކަމަށެވެ. އަދި އެއާޕޯޓު ތަރައްގީ ކުރުމުގައި ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ ތަޖުރިބާ އާއި ހުނަރުވެރިކަން ބޭނުންކުރަން ޖެހިއްޖެ ހިނދެއްގައި އެކަން ވެސް ކުރެވިދާނެ ކަމަށާއި ނަމަވެސް އެއާޕޯޓް ތަރައްގީކުރަންވާނީ ރާއްޖޭގެ ވިސްނުމުގެ މައްޗަށް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

"ހަމައެއާ އެކުގައި ބޭރުގެ ތަޖުރިބާއާ އެކުގައި ބޭރުގެ ފަރާތްތަކުގެ ހުނަރުވެރިކަން ބޭނުންކުރަން ޖެހިއްޖެ ހާލަތްތަކެއްގައި އެ ހުނަރުވެރިކަމާ ތަޖުރިބާ ބޭނުންކޮށްގެން އެކަމުގެ މައްޗަށް ބިނާކޮށް ރާއްޖޭގެ ވިސްނުމުގެ މައްޗަށް އެއާޕޯޓް ތަރައްގީކޮށް ބިނާކުރެވުމުން އަޅުގަނޑުމެންގެ އަމިއްލަ ވަންތަކަން އިހުސާސްކުރެވި އަމިއްލައަށް މަސައްކަތް ކުރެވިގެން ދާނީ،" އިމްރާން ވިދާޅުވި އެވެ.