09 Dec 2012, 13:26
އައްޑޫ ސިޓީ، ހުޅުދޫގެ ކުރީގެ ކައުންސިލަރު، އިބްރާހިމް ދީދީ މަގާމުގެ ނުފޫޒް ބޭނުންކޮށްގެން ގަވާއިދާއި ހިލާފަށް ހިންގާފަގައިވާ ކަމަށް ބުނާ ކޮރަޕްޝަނުގެ ގިނަ މައްސަލަތަކެއްގައި ދައުވާ ކޮށްދިނުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
އިބްރާހިމް ދީދީގެ މައްޗަށް ހަތަރު މައްސަލައެއްގައި ދައުވާ ކޮށްދިނުމަށް އެ ކޮމިޝަނުން ވަނީ ޕީޖީއަށް ފޮނުވާފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީގެ ހަތަރު ސަރަހައްދަކުން ގާނޫނާއި ގަވާއިދާއި ހިލާފަށް ހަތަރު މީހަކަށް ގޯތި ދޫކޮށްފައިވާ ކަމަށްބުނާ މައްސަލައެެކެވެ. އެކޮމިޝަނުން ބުނީ އައްޑޫ ކައުންސިލަރު ކަމުގައި ހުރެ ހަތަރު މީހަކަށް އޭނާ ގޯތި ދޫކޮށްފައި ވަނީ އެއްވެސް އިއުލާނު ކުރުމެތްނެތި ބިމާއި ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި ހިލާފަށް ކަމަށް ބެލެވޭނެ ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށެވެ.
ހުޅުދޫ ރައްޔިތުންގެ މަސްމާރުކޭޓްގައި ހިންގާ ސައިހޮޓާގެ 1500 ރުފިޔާއަށް ކުއްޔަށް ދީފައި ވަނިކޮން ހުޅުދޫ އަވަށު ހިންގުމާއި ހަވާލުވެ ހުރެ އިބްރާހިމް ދީދީ އެތަން ކުއްޔަށް ދީފައިވާ ފަރާތާއި "ޑީލެއް ހަދައިގެން" އިއުލާން ކުރުމެއްނެތި ތަނުގެ ކުލި ކުޑަކޮށް މުއްދަތު އިތުރުކޮށްދީފައިވާ ކަމަށް ބުނާ މައްސަލައެއް ވެސް ވަނީ ޕީޖީއަށް ފޮނުވާފަ އެވެ. އެންޓިކޮރަޕްޝަންސް ކޮމިޝަނުން ބުނީ "ސަދަން ޕޮއިންޓް"ގެ ނަމުގައި ހުޅުދޫ ރައްޔިތުންގެ މަސްމާރުކޭޓްގައި ހިންގަމުންދާ ސައި ހޮޓާގެ ކުލި ބަދަލުކޮށް އިއުލާން ކުރުމެއްނެތި އެފަރާތަށް އަލުން އެތަން ދިންކަމަށް އިބްރާހިމް ދީދީގެ އިއުތިރާފުން އެނގެން އޮތް ކަމަށެވެ.
މީގެ އިތުރުން ހުޅުދޫއާ ގުޅާލާފައި އޮންނަ މާފުށި (މާފިށި)ގެ ހޭޅިފަށުގެ ރުއްގަނޑު ކުއްޔަށްދޭން ކައުންސިލް އިދާރާއިން އިއުލާން ކުރުމާއި ގުޅިގެން އެކި ފަރާތްތަކުން އަގު ހުށަހަޅާފައި އޮއްވާ އިއުލާން ބާތިލް ކުރުމަށް ފަހު ވަގުތީ ގޮތުން ކަމަށްބުނެ ރުއްގަނޑު ކުއްޔަށް ދީފައިވާ ކަމަށްބުނާ މައްސަލައެއް ވެސް ވަނީ ޕީޖީއަށް ފޮނުވާފަ އެވެ.
އަދި ހުޅުމީދޫ އަވަށު ބޯޑުގެ ވަގުތީ ރައީސް ކަމުގައި ހުންނަވައިގެން އެރަށު އިޖްތިމާއި ސަރަހައްދުން އެރަށު މީހަކަށް ގާނޫނާއި ގަވާއިދާއި ހިލާފަށް ގޯއްޗެއް ދީފައިވާ ކަމަށް ބުނާ މައްސަލައެއްގައި ދައުވާކުރަން ޕީޖީއަށް ފޮނުވާފައިވާ ކަމަށްވެސް އޭސީސީން ބުންޏެވެ.
އިބްރާހިމް ދީދީ އަކީ ކައުންސިލް ގާނޫނުގެ ދަށުން ކައުންސިލްތައް އިންތިހާބު ވުމުގެ ކުރިން ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާފައި ހުންނެވި ކައުންސިލަރަކެވެ. މިހާރު އޭނާ ހުންނެވީ ހުޅުމީދޫ އަވަށު ބޯޑުގެ ވަގުތީ ރައީސް ކަމުގެ މަގާމުގެ އެވެ.