ގއ. ދާންދޫއާ ދިމާލު އިރުމަތިން ގާތްގަނޑަކަށް 290 މޭލު ބޭރުން، ސްރީލަންކާގެ މަސްބޯޓަކުން ރޭ ނެގި އަށް މީހުންނަކީ ހިތްވަރު ބޯޓުން ދަތުރު ކުރި މީހުން ކަމަށް އެމްއެންޑީއެފުން ކަށަވަރުކޮށްދީފި އެވެ.

އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން ކާނަލް އަބްދުއްރަހީމް އަބްދުއްލަތީފް މިއަދު ވިދާޅުވީ ލަންކާގެ މަސް ބޯޓުން ރޭ ނަގާފައި ވަނީ އަށް ދިވެހީން ކަމަށާއި އެ އެންމެންނަކީ ވެސް ހިތްވަރު ބޯޓުން ދަތުރު ކުރި މީހުން ކަމަށެވެ. އަދި ވިދާޅުވީ ކޯސްޓްގާޑުން ލަންކާގެ މަސްބޯޓުގެ ވެރިފަރާތާ ގުޅައިގެން މައުލޫމާތު ސާފު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ގުޅުމާ ބެހޭ ގޮތުން އިތުރު ތަފްސީލެއް، އަދި އެ މީހުންގެ ހާލަކީ ކޮބައިކަން ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ސަރަހައްދަށް ދިޔުމަށް ރޭ ފުރި ކޯސްޓްގާޑަށް އަދި ވެސް އެ ސަރަހައްދަށް ނުދެވޭ ކަމަށާއި އެކަމާ ބެހޭ މައުލޫމާތު ލިބެމުންދާ ވަރަކަށް މީޑިއާ އަށް ހިއްސާ ކުރައްވާނެ ކަމަށެވެ.