ބާޒާރުގައި ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް ބެލުމަށް ފަހު އިންފުލޭޝަން ކަނޑައެޅުމަށް ބޭނުންކުރާ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) މިހާރު ބޭނުންކުރަމުންދާ ސީރީޒް އަށް ބަދަލުތަކެއް ގެނެސް އާ ސީރީޒެއް ނެޝަނަލް ޕްލޭނިން އިން އާންމުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ހަފްލާއެއްގައި ނެޝަނަލް ޕްލޭނިންގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް މަރިޔަމް ނިޔާފް ވިދާޅުވީ ސީޕީއައި އަކީ ގައުމެއްގެ އަގުތަކަށް އަންނަ ބަދަލުތައް ބެލުމަށް ޓަކައި އެންމެ ގިނަ ގައުމުތަކުގައި ބޭނުންކުރާ އެއްޗަކަށް ވުމުން ސީޕީއައި އަށް ބަދަލު ގެންނަން ޖެހުނީ މީގެ ކުރިން ބޭނުންކުރި 2004 ވަނަ އަހަރުގެ ސީރީޒްއަކަށް ވުމުން އެ އިރާއާ އަޅާބަލާ އިރު މިހާރު ބާޒާރަށާއި އިކޮނޮމީ އަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާތީ ކަމަށެވެ.

"އެއްވެސް ގައުމެއްގެ އިކޮނޮމީއެއް އަބަދަލު ނޯންނާނެ އެއްގޮތަކަށް ބަދަލުތަކެއް އަންނަ މުންދާނެ. އެހެންވީމާ ޕާފޯމަންސާއި ޑިވެލޮޕްމެންޓް ލެވެލް އާއި މިކަހަލަ އެއްޗިސް ބެލޭނެ އެއް އިންޑިކޭޓާ، ސީޕީއައި އަކީ. އަދި ހަމަ އެހެންމެ އަލަށް ތައާރަފްވެގެން އަންނާނެ ބައިވަރު ޕްރޮޑެކްޓްތަކެއް ބައިވަރު ސާވިސްތަކެއް އެގޮތުން 2004 އަކާއި 2012 އަޅާ ބަލާ އިރު އިނޮވޭޝަންއާ އެއްކޮށް މޯބައިލް ފޯންތަކާއި ޓީވީތައް ޗޭންޖުވެގެން އައިސްފި. އެގޮތުން އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެން ޕްރައިސް ކުރަންދާ ޕްރޮޑަކްޓްތަކަކީ މިހާރު މީހުން އެންމެ ބޮޑަށް ބޭނުންކުރަމުންދާ ޕްރޮޑަސްޓްތަކަށްބެލުން،" މަރިޔަމް ނިޔާފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަހަރުގެ ސީރީޒް އަށް ގެނެސްފައި ވަނީ މައިގަނޑު ހަތަރު ބަދަލެއް ކަމަށާއި އެއީ ކުރިން އަގުތަކަށް އަންނަ ބަދަލުތައް ބެލުމަށް ބޭނުން ކުރި ޕްރޮޑެކްޓްތަކުގެ ބަދަލުގައި މިހާރުގެ އާ ޕްރޮޑެކްޓްތައް ބޭނުންކުރުމާއި ކޮންމެ މަހެއްގައި ނަގާ އަގުތައް ބަލާ ބަރުދަނަށް ވެސް ބަދަލެއް ގެނެސްފައިވާ އިރު މެޓްޑޮލޮޖިކަލް އަށް ވެސް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ކުރިން އެރެތެމެޓިކް ބޭނުން ކުރި އިރާއި މިހާރު ޖޯމެޓްރިކް ބޭނުންކުރަންފެށީމާ ދިގު މުއްދަތަކަށް އަންނަ ބަދަލުތަކާއި އައިޓަމްތަކުގެ ތަފާތު އަގުތަކަށް އަންނަ ބަދަލުތައް ދައްކައިދޭނެ ކަމަށެވެ.

"ސީޕީއައިގައި ކުރިން އަޅުގަނޑުމެންގެ ރެފަރެންސްއަކީ 2004 ޖޫން އެއީ ވަރަށް ކުރި، އެހެންކަމުން 2012ގެ ޖޫން އަށް އަޅުގަނޑުމެން މިބަދަލުކުރީ 2009 އަދި 2010 ވަނަ އަހަރު އަޅުގަނޑުމެނަށް ލިބުނު މައުލޫމާތަށް ބެލި އިރު ފުދޭވަރަށް ބޮޑު ބަދަލުތަކެއް އައިސްފައި އެބަހުރި،" މަރިޔަމް ނިޔާފް ވިދާޅުވި އެވެ.

އަދި ވިދާޅުވީ މީގެ ކުރިން ރިޕޯޓްކުރާ އަތޮޅުތަކަށާއި މާލޭގެ އިތުރުން މުޅި ގައުމަށް ވަކިން ނެރުނު ނަމަވެސް ދެން ރިޕޯޓް ނެރޭނީ އެ ތިން ރިޕޯޓް ވެސް އެކީގައި ކަމަށެވެ. އަދި ކުރިން އަހަރަށް ބަލައިގެން އިންފުލޭޝަން ބޭނުންކުރި ނަމަވެސް ދެން ބޭނުންކުރާ 2012ގެ ސީރީޒް އިން ބަލާނީ މަހުން މަހަށް ކަމަށެވެ. އެގޮތުން މި އަހަރުގެ އޮކްޓޫބަރު މަހުގެ އިންފްލޭޝަންބަލާނީ އޮކްޓޫބަރު 2012ގެ އަގުތައް ހުރިވަރުން އޮކްޓޫބަރު 2011ގެ އަގުތައް ހުރި މިންވަރަށް ބަލައިގެން ކަމަށެވެ.

އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު އަބްދުލްﷲ ޖިހާދު ވިދާޅުވީ 2004ގެ ސީރީޒްއެއް މިހާތަނަށް ބޭނުންކޮށްފައިވާ އިރު އެފަދަ ސީރީޒްއެއް ގެންނަން މިހާރު ލަސްވެސްވެފައިވާ ކަމަށާއި މިއަދު ރިލީޒްކުރި ސީރީޒްއާ އެކު ރާއްޖޭގެ އިކޮނެމީ އަށް އަންނަ ބަދަލުތައް މާރަނގަޅަށް ވަޒަންކުރެވޭނެ ކަމަށެވެ. އަދި މިއަންނަ އަހަރަކީ ބޯހިމަނާ އަހަރަށް ވުމުން މިއަދު ތައާރަފްކުރެވުނު ސީރީޒްއާ އެކު އެއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

ޑިޕާޓްމެންޓް އޮފް ނެޝަނަލް ޕްލޭނިން އިން ބުނީ މިފަހަރު ރިލީޒްކުރި ސީރީޒްއަކީ އައިއެމްއެފްގެ އެހީއާ އެކު އެކުލަވާލާފައިވާ ސީރީޒްއެއް ކަމަށެވެ.