09 Dec 2012, 12:04
އިނގިރޭސި ޕްރިމިއާ ލީގުގައި ސަންޑަލޭންޑާ ދެކޮޅަށް ޗެލްސީ ރޭ ކުޅުނު މެޗު ތިން ލަނޑު އެއް ލަނޑުން ޗެލްސީ ކާމިޔާބު ކޮށްފި އެވެ.
މެޗުގެ އެގާރަ ވަނަ މިނިޓުގައި އެޑެން ހަޒާޑް ނަގައި ދިން ރީތި ހުރަހަކުން ޗެލްސީގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް ދިނީ ފެނާންޑޯ ޓޮރޭޒް އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ގަޑީގައި ލިބުނު ޕެނަލްޓީއަކުން ޗެލްސީ އަށް ދެ ވަނަ ލަނޑު ވެސް ކާމިޔާބުކޮށް ދިނީ ޓޮރޭޒް އެވެ. އެއީ ސަންޑަލޭންޑްގެ ލާސަން އެ ޓީމުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޗެލްސީގެ ޒަމިރޭޒް އަށް ކުރި ބޭކާރު ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އެކެވެ. މިއީ އިނގިރޭސި ލީގުގައި ޓޮރޭޒް ޖެހި ފުރަތަމަ ޕެނަލްޓީ ކަންވެސް ފާހަގަކޮށްލަން ޖެހެ އެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން ތިން ވަރަކަށް މިނިޓުގެ ތެރޭގައި ޗެލްސީގެ ލީޑު ތިނެއް ސުމަކަށް ބަދަލު ކޮށްދިނީ ހުއާން މާޓާ އެވެ.
މެޗުގެ 66 ވަނަ މިނިޓުގައި ސަންޑަލޭންޑުގެ އެޑަމް ޖޯންސަން މެޗުގެ ނަތީޖާ ތިނެއް އެކަކަށް ބަދަލު ކޮށްދިން ހިސާބުން އެޓީމަށް ކުޑަ އުއްމީދެއް ލިބުނު ނަމަވެސް މުޅި މެޗު ކޮންޓުރޯލް ކުރަމުން ދިޔަ ޗެލްސީ ކައިރީ މާ ބޮޑު ކަމެއް ނުކުރެވި މެޗު ނިމުނީ ތިނެއް އެކަކުން ޗެލްސީ މެޗު ކާމިޔާބު ކޮށްގެން ނެވެ. އަދި މާޓިން އޮނިއެލްގެ ޓީމު ވަނީ ރޭގެ ބައްޔާ އެކު ރެލިގޭޝަން ޒޯނަށް ވެއްޓިފަ އެވެ.
މިއީ ޗެލްސީ ލީގުގައި އެންމެ ފަހުން ކުޅުނު ހަތްމެޗުން ވެސްމޮޅު ނުވެ ލިބެމުން ދިޔަ ނާކާމިޔާބީ އަށް އައި ނިމުމެ ކެވެ. އަދި ބެނިޓޭޒްގެ ކޯޗު ކަމުގައި އެޓީމު ލީގުގައި މޮޅުވި ފުރަތަމަ މެޗެވެ. މިހާރު އެޓީމު އޮތީ 29 ޕޮއިންޓާ އެކު ލީގުގެ ތިން ވަނައިގަ އެވެ. އަދި 33 ޕޮއިންޓާ އެކު ލީގުގެ ދެވަނައި ގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން މަންޗެސްޓާ ސިޓީ އެވެ. 36 ޕޮއިންޓާ އެކު އެއްވަނައި ގައި އޮތީ މަންޗެސްޓާ ޔުނައިޓެޑް އެވެ.
މީގެ އިތުރުން އިނގިރޭސި ލީގުގައި ވެސްބްރޮމް އާއި ދެކޮޅަށް ރޭ އާސެނަލް ކުޅުނު މެޗު އެޓީމު ކާމިޔާބު ކުރީ ދޭއް ސުމަކުން ނެވެ. އަދި ރޭގެ ނަތީޖާއަށް ފަހު އެޓީމު ވަނީ 24 ޕޮއިންޓާ އެކު ތާވަލުގެ ދިހަ ވަނައިން ހަވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.
ރޭގެ މެޗަށް ފަހު ޗެލްސީ ދާނީ ޖަޕާނުގައި މިހާރު ކުޅެމުންދާ ފީފާ ކުލަބް ވޯލްޑްކަޕްގައި އެ ޓީމު ކުޅެންޖެހޭ މެޗުތަށް ކުޅުމަށް ޖަޕާނަ ށެވެ.