ދައުލަތުން ކުރާ ބައެއް ހަރަދުތައް މުޅިންހެން ހުއްޓާލުމަށް ފިނޭންސް މިނިސްޓްރީން ދައުލަތުގެ ހުރިހާ އޮފީހަކަށް މިދިޔަ ހަފްތާގައި އަންގައިފި އެވެ.

ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ސޮއިކުރައްވައި މިދިޔަ ބުރާސްފަތި ދުވަހު ދައުލަތުގެ ހުރިހާ އޮފީހަކަށް ފޮނުއްވި ސާކިއުލާއެއްގައި ވިދާޅުވެފައި ވަނީ ކޮންމެ އޮފީހެއްގެ ބަޖެޓުން 15 ޕަސެންޓް އުނިކޮށްފައިވީ ނަމަވެސް އާންމުންނަށް ފޯރުކޮށްދޭ ޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކޮންމެހެން ކުރަން ޖެހޭ ހަރަދުތައް ކުރަން ޖެހިފައިވާތީ ދައުލަތުގެ ބައެއް ހަރަދުތައް އަދިވެސް ކޮންޓްރޯލް ކުރަން ޖެހިފައިވާ ކަމަށެވެ.

އެގޮތުން ދެ ހަރަދެއް އެކީއެކަށް ހުއްޓާލުމަށް ވަނީ އަންގަވައިފަ އެވެ. އެއީ މިއަހަރުގެ މިހާތަނަށް ދައުލަތުން ކުރަން ހަމަޖައްސާފައިވާ ރަސްމީ ދަތުރުތަކުގެ ތެރެއިން ދަތުރުގެ ހުރިހާ ހަރަދެއް ބޭރުގެ ފަރާތްތަކުން ދެއްވާ ދަތުރުތައް ނޫން ކޮންމެހެން ކުރަން ޖެހިއްޖެ ހަރަދެއް ފިނޭންސަށް ލިޔެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި މަރާމާތަށް ކުރަން ޖެހޭ ހުރިހާ ހަރަދެއް އެކީއެކަށް ހުއްޓާލުމަށް ވެސް ވަނީ އަންގަވައިފަ އެވެ. އަދި ކެޕިޓަލް ހަރަދުތަކުގެ ތެރެއިން ޕީއެސްއައިޕީގައި ނުހިމެނޭ ތަކެތި ހޯދުން މިއަހަރުގެ ނިޔަލަށް ހުއްޓާލުމަށް ވެސް ވަނީ އަންގަވައިފަ އެވެ.

"ދައުލަތުގެ ބަޖެޓް ޑެފިސިޓް ކުޑަކުރުމަށްޓަކައި، އިތުރަށް ފިޔަވަޅު އަޅަން ޖެހިފައިވާތީ ދައުލަތުގެ ހަރަދުތައް އަދިވެސް ކޮންޓްރޯލް ކުރަންޖެހެ އެވެ،" ސާކިއުލާގައިވެ އެވެ.

ސަރުކާރުން މި އަހަރަށް ކަނޑައެޅި 14 ބިލިއަން ރުފިޔާގެ ބަޖެޓް 18 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ. އެއީ ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. ދައުލަތުގެ ހަރަދުތައް ދުވަހުން ދުވަހަށް ބޮޑުވެ ދައުލަތުގެ ޑެފިސިޓް ބޮޑުވާ މައްސަލައިގައި އައިއެމްއެފުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ދައުލަތުގެ ޑެފިސިޓް ބަޖެޓް 27 ޕަސެންޓަށް އުފުލޭނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.

މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެފައި ވަނީ ދަރަނީގެ މިންގަނޑު ހުރީ ވޯލްޑް ބޭންކު ފަދަ ދުނިޔޭގެ ގައުމުތަކުން ގަބޫލުކުރާ މިންގަނޑެއްގައި ނޫން ކަމަށާއި ދައުލަތުގެ ދަރަނި ވަރަށް ބޮޑަށް ކުޑަކުރަން ޖެހޭ ކަމަށެވެ.