ސްރީލަންކާގެ އުއްތަމަ ފަނޑިޔާރު ޝިރާނީ ބަންޑާރަނައިކަގެ މައްޗަށް ތުހުމަތުކޮށްފައިވާ ތިން ކަންތައް ވެސް އެ މައްސަލަ ބެލުމަށް އެކުލަވާލި ކޮމިޓީން ނިންމައިފި އެވެ.

ސްރީލަންކާ ސަރުކާރަށް ތާއީދުކުރާ ހަތް މެމްބަރުންނާއި އިދިކޮޅު ހަތަރު މެމްބަރުން ހިމެނޭ ގޮތަށް އެކުލަވާލި ކޮމިޓީން އެކަން އެގޮތަށް ނިންމައި، އެ ގައުމުގެ ޕާލަމެންޓަށް ރިޕޯޓް ފޮނުވީ އިދިކޮޅު މެމްބަރުން އެކޮމިޓީން ވަކިވި ފަހުންނެވެ.
މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވުމާއި ހޯއްދެވި ގޮތެއް ނޭނގޭ މުއްސަނދިކަމެއް އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގެންފައިވާ ކަމަށް ބުނެ ހުށައެޅި މައްސަލަތައް ބެލުމުގައި އެކޮމިޓީގެ މަސައްކަތް އިންސާފުވެރި ނޫންކަމަށް ކޮމިޓީން ވަކިވި މެމްބަރުން ކުރިން ވަނީ ބުނެފަ އެވެ.

އުއްތަމަ ފަނޑިޔާރު ޝިރާނީ މަގާމުން ވަކިކުރަން ޖެހޭ ކަމަށް ބުނެ ހުށައަޅާފައިވާ އެ މައްސަލައިގެ ވޯޓަށް އެހުން އޮންނާނީ އަންނަ ޖެނުއަރީ މަހު އޮންނަ ޖަލްސާއެއްގަ އެވެ. އޭނާ ވަކިކުރުމަށް ސްރީލަންކާގެ ޕާލަމެންޓްގެ 225 މެމްބަރުންގެ ތެރެއިން 113 މެމްބަރުންގެ ވޯޓް ބޭނުންވާނެ އެވެ.

އުއްތަމަ ފަނޑިޔާރުގެ މައްސަލަ ބެލުމަށް ކޮމިޓީ އެކުލަވައިލެއްވީ ސްރީލަންކާގެ ޕާލަމެންޓްގެ ރައީސް ޝަމަލް ރާޖަ ޕަކްޝާއެވެ. އެއީ ރައީސް މަހިންދަ ރާޖަޕަކްޝާގެ ބޭބެ އެވެ. ( ދަ ނިއުސް)