ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ މުވައްޒަފުން ފައިސާއަށާއި ތަކެއްޗަށް ހިޔާނާތްތެރިވުމާއި، ރިޝްވަތު ހިފުމާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިދު ފައިދާ ހޯދުންފަދަ އަމަލެއް ހިންގައިފި ނަމަ ވަކި މީހަކަށް ބެލުމެއް ނެތި އެކަންބަލައި އަޅަންޖެހޭ ފިޔަވަޅު ކަމާބެހޭ މުއައްސަސާތަކުން އަޅަން ޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދު މިހެން ވިދާޅުވީ މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އެންޓި ކޮރަޕްޝަން ދުވަސް ކަމަށްވުމާއެކު، ދުވަހުގެ މުނާސަބަތުގައި ނެރުއްވި ނޫސްބަޔާނެއްގަ އެވެ.

ރައީސް ވަހީދު ވިދާޅުވީ ޚިޔާނާތްތެރިވުމާއި، ރިޝްވަތު ހިފުމާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިދު ފައިދާ ހޯދުންފަދަ އަމަލުތައް ހިންގާފަރާތްތަކުގެ މައްސަލަތައް ބެލުމުގައި ވަކިމީހަކު އިސްތިސްނާ ކުރުމެއްނެތި އެކަމުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަންޖެހޭނެ ކަމަށާއި އެކަމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

ތަރައްގީގެ މަގުގައި ގައުމެއް ކުރިއަށް ދިޔުމުގައި އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ، އެގައުމަކުން ކޮރަޕްޝަން މުޅިން ނައްތާލުން ކަމަށާއި ކޮރަޕްޝަންގެ އަމަލުތައް ގައުމެއްގައި އިންތިހާއަށް އިތުރުވެއްޖެނަމަ އެކަމުގެ އަސަރު އެންމެ ބޮޑަށް ފޯރާނީ ރައްޔިތުންނަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަކީ ސަރުކާރުންވެސް ވަރަށްބޮޑު އަހަންމިއްޔަތެއް ދޭންޖެހޭނެ ކަމެއް ކަމަށާއި ސަރުކާރުން އެ މަސައްކަތް ކުރަމުން ގެންދަނީ ރައްޔިތުންނާއި ގައުމުގެ ފައިދާއަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެޤައުމެއްގައި ކޮރަޕްޝަންގެ އަމަލުތައް އިންތިހާއަށް އިތުރުވެއްޖެނަމަ، އެކަމުގެ އަސަރު އެންމެ ބޮޑަށް ފޯރާނެ އެއްބަޔަކީ އެގައުމެއްގެ ރައްޔިތުންކަން ކަށަވަރެވެ. އެހެންކަމުން، ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަކީ، މި ސަރުކާރުންވެސް ވަރަށްބޮޑު އަހަންމިއްޔަތު ކަމެއްދޭ ކަމެކެވެ. އެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދަނީ ދިވެހި ރައްޔިތުންނާއި ދިވެހި ގައުމުގެ ފައިދާއަށްޓަކަ އެވެ. ކޮރަޕްޝަންގެ އަމަލުތަކަށް ފުރުސަތު ނުދިނުމަށްޓަކަ އެވެ،" ރައީސް މިއަދު ނެރުއްވި ބަޔާނުގައި ވެއެވެ.

ރާއްޖެއިން ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަރަށް ހީވާގިކަމާއެކު މަސައްކަތް ކުރަމުންގެންދާކަމަށް ފާހަގަކޮށް، އެކޮމިޝަންގެ ރައީސަށާއި، މެންބަރުންނަށާއި، އެކޮމިޝަންގެ ހުރިހާ މުވައްޒަފުންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

"....އެކޮމިޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި، އަޅުގަނޑާއި މި ސަރުކާރުގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު އަރުވަމެވެ. ހަމައެއާއެކު، ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް ކުރަމުން މިގެންދާ މަސައްކަތްތަކުގައި، ހުރިހާ ފަރާތްތަކެއްގެ އެއްބާރުލެއްވުމާއި ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަންތައްތަކަށް އެއްވެސް ފުރުސަތެއް ނުދެއްވުމަށްވެސް އަޅުގަނޑު ގޮވާލަމެވެ،" ރައީސްގެ ބަޔާނުގައި ވެއެވެ.