ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާގެ ހާއްސަ މަންދޫބު ސާ ޑޮނަލްޑް މެކެނަން ރާއްޖެ އަށް ޒިޔާރަތް ކުރެއްވުމަށް ރާއްޖޭން އެދިއްޖެ އެވެ.

ކޮމަންވެލްތުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އާއި ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބުދުއް ސަމަދު ޢަބުދުﷲ އާ އެކު ބުދަ ދުވަހު ޓެލެކޮންފަރެންސެއް ބޭއްވެވި ކަމަށާއި ހާއްސަ މަންދޫބު ޑޮނަލްޑް މެކެނަން ރާއްޖެ އަށް އަވަސް ދަތުރުފުޅެއް ކުރެއްވުން ރަނގަޅުވާނެ ކަމަށް ސަމަދު ވިދާޅުވި ވިދާޅުވުމަށް ޝަރުމާ މަރުހަބާ ވިދާޅުވި ކަމަށެވެ.

ޓެލެކޮންފަރެންސަށް ފަހު ޝަރުމާ ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ މުއައްސަސާތައް ހަރުދަނާ ކުރުމަށް ބައިނަލްއަގުވާމީ އެހެން ޖަމާއަތްތަކާ ގުޅިގެން ދިވެހި ސަރުކާރާ އެކު މަސައްކަތްކުރުމަށް ކޮމަންވެލްތު އޮތީ ތައްޔާރަށް ކަމަށެވެ.
އަދި ވިދާޅުވީ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތައް ފުރިހަމަ ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

"ފުލުހުން ހިންގާފައިވާ ކަމަށް ތުހުމަތުކޮށްފައިވާ އަނިޔާކުރުމާއި ބިރުދެއްކުމުގެ މައްސަލަތައް ތަހުގީގުކުރުން ވެސް ހިމެނޭ ގޮތުން، ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީގެ ރިޕޯޓްގައިވާ ކަންތައް ފުރިހަމަ ކުރުމުގެ މުހިއްމުކަން ދެމި އެބަ އޮތެވެ،" ބަޔާނުގައިވެ އެވެ.

އަދި ވިދާޅުވެފައި ވަނީ ހުރިހާ ސިޔާސީ ޕާޓިތަކާއި ސިޔާސީ ފަރާތްތަށް ފުރުސަތު އޮންނަ ގޮތަށް އިތުބާރު ހުރި އިންތިހާބެއްގެ ގޮތުގައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.