09 Dec 2012, 10:14
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ޙަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ އެންމެ އިސްވެރިޔާ ޚާލިދު މަޝްޢަލް 1967 ގެ ފަހުން ފުރަތަމަ ފަހަރަށް ފަލަސްތީނަށް ވަޑައިގެންފިއެވެ. 1956 ވަނަ އަހަރު ހުޅަނގު އައްސޭރީގެ ސިލްވާދުގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ޚާލިދު މަޝްޢަލްގެ ޢާއިލާއިން ކުވައިތަށް ހިޖުރަކުރީ 1967 ވަނަ އަހަރު ކުރެވުނު 6 ދުވަހުގެ ހަނގުރާމައިގެ ތެރޭގައެވެ. އޭގެ ފަހުން މިވީ 45 އަހަރުގެ ތެރޭގައި ޚާލިދު މަޝްޢަލް އުޅުއްވައިފައިވަނީ ފަލަސްތީނުން ބޭރުގައެވެ.
1991 ވަނަ އަހަރާ ހަމައަށް ކުވައިތުގައި އުޅުއްވުމަށް ފަހު އުރުދުންއަށް ބަދަލުވެ ވަޑައިގެން، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާ ޚާލިދު މަޝްޢަލް ގުޅިވަޑައިގަތެވެ. އަދި 2004 ވަނަ އަހަރުން ފެށިގެން އެ ޖަމާޢަތުގެ ސިޔާސީ ގޮފީގެ އެންމެ އިސް ވެރިޔަކީ އޭނާއެވެ. އެހެން ނަމަވެސް އިސްރާއީލުގެ ހުރަސް އެޅުންތަކުގެ ސަބަބުން އޭނާއަށް ފަލަސްތީނުގެ އެއްވެސް ސަރަހައްދަކަށް ވަޑައިގެންނެވިފައެއް ނެތެވެ.
ސާޅީސް ފަސް އަހަރު ފަހުން ޚާލިދު މަޝްޢަލް ފަލަސްތީނުގެ ޣައްޒާއަށް ވަޑައިގަތް އިރު، މިއީ އޭނާގެ މުޅި ހަޔާތުގައި ޣައްޒާއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރު ވެސް މެއެވެ.
ޚާލިދު މަޝްޢަލް ވިދާޅުވީ 1956 ގައި އުފަންވެ ވަޑައިގަތުމަކީ އޭނާގެ ފުރަތަމަ އުފަންވުން ކަމަށާއި، 1997 ވަނަ އަހަރު އިސްރާއީލުގެ އޭޖެންޓުންތަކެއް އުރުދުންގައި ދިން ހަމަލާއިން ސަލާމަތްވެ ވަޑައިގަތުމަކީ ދެވަނަ ފަހަރަށް އުފަންވުން ކަމަށާއި، މިފަހަރު ޣައްޒާއަށް ވަޑައިގަތުމަކީ ތިންވަނަ ފަހަރަށް އުފަންވުން ކަމަށާއި، ހަތަރުވަނަ އުފަންވުމަކަށް ވާނީ މުޅި ފަލަސްތީނު އެއްކޮށް މިނިވަންވުން ކަމަށެވެ.
ޚާލިދު މަޝްޢަލް ޣައްޒާއަށް މިވަޑައިގަތީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރުމަށް ޓަކައި ހަމާސް ޖަމާއަތް އުފެއްދިތާ 25 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ. މީގެ ކުރީން އިސްރާއީލުން ވަނީ މަޝްޢަލް ފަލަސްތީނަށް ވަޑައިގެންފި ނަމަ އަވަހާރަކޮށްލާނެ ކަމަށް ބުނެފައެވެ.