އިޓަލީގެ ބޮޑުވަޒީރު މާރިއޯ މޮންޓީ ވަރަށް އަވަހަށް މަގާމުން އިސްތިއުފާދެއްވަން ނިންމަވައި އެގައުމުގެ ރައީސް ޖިއޯޖިއޯ ނަޕޮލިޓާނޯ އަށް އެކަން އަންގަވައިފި އެވެ.

މޮންޓީ އިސްތިއުފާދެއްވަން ނިންމެވީ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބެރްލަސްކޯނީގެ ޕާޓީން ސަރުކާރަށް ތާއީދުނުކުރަން ނިންމުމުން އެޕާޓީގެ ތާއީދާ ނުލާ ނުހިންގޭނެ ކަމަށް ވިދާޅުވެފަ އެވެ.

އިޓަލީގެ ރައީސްގެ އޮފީހުން ބުނީ ރައީސް ޖިއޯޖިއޯ އާއި މޮންޓީ ދެގަޑިއިރުގެ ބައްދަލުވުމެއް ބޭއްވެވި ކަމަށާއި ބެރްލަސްކޯނީގެ ޕާޓީގެ ތާއީދާ ނުލާ މަގާމުގެ ޒިންމާ އަދާ ކުރައްވަން ދަތިވާނެ ކަމަށް ރައީސް އަރިހުގައި ބޮޑުވަޒީރު ވިދާޅުވި ކަމަށެވެ. އަދި ޕާލަމެންޓުން ވަރަށް އަވަހަށް ފާސްކުރަން ހަމަޖެހިފައިވާ ބަޖެޓާ ބެހޭ ބިލެއް ފާސްކުރުމުން މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވި ކަމަށް ވެސް އެއޮފީހުން ބުންޏެވެ.

ސިޔާސީ ގޮތުން ކުރިމަތިވި ފިއްތުންތަކާ ގުޅިގެން 2011 ވަނަ އަހަރު މަގާމުން އިސްތިއުފާ ދެއްފި އިޓަލީގެ ކުރީގެ ބޮޑުވަޒީރު ބެރްލަސްކޯނީ މިހާރު ވަނީ ބޮޑުވަޒީރުކަމަށް އަލުން ވަޑައިގެންނެވުމަށް މަސައްކަތްކުރައްވާނެކަން އިއުލާންކުރައްވައިފަ އެވެ.

މޮންޓީ އިޓަލީގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ އިންތިހާބަކާ ނުލަ އެވެ. ރައީސް ނަޕޮލިޓާނޯ އޭނާ އަށް ބޮޑުވަޒީރުކަން ދެއްވީ ބެރްލަސްކޯނީ އިސްތިއުފާދެއްވުމުންނެވެ. އެއީ އޭރު އިޓަލީ އަށް ކުރިމަތިވެފައި އޮތް މާލީ މައްސަލަތައް ހައްލު ކުރެއްވުމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ މޮންޓީ ކަމަށް ގަބޫލުކުރެއްވޭތީ ކަމަށް ނަޕޮލިޓާނޯ އޭރު ވިދާޅުވި އެވެ.

މޮންޓީ އިސްތިއުފާދެއްވުމުން، ކުރިން ހަމަޖެހިފައިވާ ވަރަށް ވުރެ އަވަހަށް އިޓަލީގައި އިންތިހާބު ބާއްވަން ޖެހޭނެ އެވެ. ( އޭޕީ)