09 Dec 2012, 09:15
ޖީއެމްއާރުގެ ކޮންޓްރެކްޓްގެ ސަބަބުން 25 އަހަރު ދުވަހުގެ ތެރޭގައި ދައުލަތަށް ގެއްލުންވާ ކަމަށް ގަބޫލުކުރެވި، އެއާޕޯޓް ހިންގުން ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ދަށަށް ފުރޮޅާލައިފަ އެވެ. އެއާޕޯޓްގެ ކޮންޓްރެކްޓްގެ ސަބަބުން ދިވެހިންނަށް ލިބޭ އެއްޗަކަށް ވުރެ ގެއްލޭ އެއްޗެއް ބޮޑުކަމަށް ކިތަންމެހާ ވެސް ރަނގަޅަކަށް ދިރާސާތަކުން ހުރީ ފެންނާށެވެ. ހިސާބު ނަމްބަރުން އަދަދު ޖަހާނަމަ އެއީ 24 ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު ގެއްލުމެކެވެ. އެއީ ދައުލަތުގެ ބަޖެޓްގެ ހަ ގުނަ ބޮޑު އަދަދެކެވެ.
އެއާޕޯޓްގެ ހިންގުން ފުރޮޅާ ލެވުނީ އެ ސަބަބުތަކުގެ ބަހަނާގަ އެވެ. ލޯ މަރާލާފައި ނަމަވެސް ބިޔަ އިންވެސްޓަރު، ޖީއެމްއާރު ފަހާލަން ޖެހުނީ އެ ސަބަބުތަކާ ހުރެ އެވެ. ނަމަވެސް އެއާޕޯޓްގެ ވާހަކަ އަށް ނިމުމެއްނެތެވެ. އުފައްދަން ޖެހޭ ސުވާލުތައް ގިނަ އެވެ. ކުރަން ހުރި މަސައްކަތްތައް ވެސް ގިނަ އެވެ. އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ނޫނީ ހުޅުލޭ އެއާޕޯޓް 1960ގައި ހުޅުވުނު ފަހުން މިއަދާ ހަމައަށް ބަރާބަރު 52 އަހަރު އެއާޕޯޓްގެ އުމުރުން ހޭދަކޮށްފި އެވެ. ހުޅުލޭ އެއާޕޯޓް އޮތީ ސަރަހައްދީ ގައުމަތަކަށް ވުރެ މާފަހަތުގަ އެވެ. އަހަރެއްގެ މައްޗަށް ލައްކައިން ރާއްޖެ އަށް ޓޫރިސްޓުން ޒިޔާރަތް ކުރާ އިރު އެއާޕޯޓް އޮތީ ދެރަވަރުގަ އެވެ. ލަދު ގަންނަން ޖެހޭ ހާލަތުގަ އެވެ.
އޭރު ވެސް އެއާޕޯޓް ތަރައްގީ ކުރުމާ ހަވާލުވެ އޮތީ އެމްއޭސީއެލް އެވެ. އެމްއޭސީއެލް އިން އެއާޕޯޓް ހިންގަން ފެށިފަހުން 18 އަހަރު ދުވަސްވީ އިރު އެއާޕޯޓްގެ ކުރިމަގަށް ކުރެވިފައިވާ ކަންކަން މަދެވެ. އޭގެ ފަހުން ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް 2010 ވަނަ އަހަރާ ހަމައަށް އެއާޕޯޓް ހިންގީ އެމްއޭސީއެލްއިންނެވެ. އޭރު ވެސް އެމްއޭސީއެލްއަށް އެއާޕޯޓް ތަރައްގީ ނުކުރެވުނެވެ. ރަންވޭގެ ހާލަތު އޮތީ ދަށްކޮށެވެ. ޓާމިނަލްގެ ފުރާޅުން ވާރޭ ހިއަލެއްނުވެ އެވެ. ހިދުމަތް އަވަހެއް ނުވެ އެވެ. އެއާޕޯޓްގައި ތޮއްޖެހުމުގެ މައްސަލަ ބޮޑެވެ.
އެ މައްސަލަތަކަށް ހައްލެއް ގެނަން ކަމަށް ބުނެ އެއާޕޯޓް ޕްރައިވެޓައިޒް ކުރީ ސީދާ އެމްއޭސީއެލްގެ ބޯޑުގެ ނުރުހުމާ އެކުއޭވެސް ބުނެވިދާނެ އެވެ. އޭރުގައި އޮތް އެމްއޭސީއެލްގެ ބޯޑުގެ އެތައް މެންބަރުންނެއް ކުއްލި ގޮތަކަށް ސަރުކާރުން ބަދަލުކުރީ ކޮންޓްރެކްޓްގައި ސޮއިކުރުމަށް އެ ކުންފުނިން ދެކޮޅު ހެދީމަ އެވެ. ސަރުކާރުގެ ވިސްނުމަށް ތާއީދު ކުރި "ގޮޑިކޮއްކޮ" ބޯޑަކާ އެކު އެ ކުންފުނި ބޯޑު އެކުލަވާލައި ޖީއެމްއާރާ އެކު ކޮންޓްރެކްޓްގައި ސޮއިކުރި އެވެ. އެ ބޯޑުގައި އިސްކޮށް ތިއްބެވި ބޭފުޅުން މިހާރުގެ އެމްއޭސީއެލްގެ ބޯޑުގެ އިސްވެރިންގެ ގޮތުގައި މިހާރު ވެސް އެބަތިއްބެވި އެވެ. މިސާލަކަށް ބުނާ ނަމަ މެނޭޖިން ޑިރެކްޓަރު، އަދި ސީއީއޯކަން ވެސް ކުރައްވާ މުހަންމަދު އިބްރާހިމް އަކީ އޭރުވެސް ހުންނެވީ އެ ބޯޑުގަ އެވެ.
އެއާޕޯޓްގެ ހިންގުން އެމްއޭސީއެލްގެ ދަށަށް ފުރޮޅާލި އިރު އެބޭފުޅުން އަނެއްކާ ވެސް ބޯޑުގައި ހިމެނުމަކީ ބޮޑު ސުވާލެކެވެ. އެއާޕޯޓް ކުރިންވެސް ތަރައްގީ ނުކުރެވުނު ބަޔަކަށް ދެން ތަރައްގީކޮށް އެއާޕޯޓަކީ ނެތް ފެންވަރުގެ ތަނަކަށް ހެދިދާނެބާ އެވެ؟ ކުރިން ވެސް އެއާޕޯޓް ތަރައްގީ ނުކުރެވި ދަށްފެންވަރެއްގައި އޮތީ އެމްއޭސީއެލްގެ "ކޮރަޕްޓް" ޕްރެކްޓިސްތަކުންކަމަށް ބުނެވޭނެ ޖާގަ ބޮޑެވެ.
އެންމެ މިސާލަކަށް ބަލައިލެވިދާނެ އެވެ. އެމްއޭސީއެލްއިން ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުރި މަސައްކަތާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް އޮޑިޓެއް ހައްދަވައި ރިޕޯޓް ވަނީ މިދިޔަ މަހުގެ ފަހުކޮޅު އާންމު ކުރައްވައިފަ އެވެ. ރިޕޯޓުން ފެންނަނީ ކޮރަޕްޓް ޕްރެކްޓިސް އާއި ކޮލޫސިވް ޕްރެކްޓިސްގެ ގިންތިތަކަށް ފެތޭނެ ކަންކަމެވެ. މިސާލަކަށް ބުނާ ނަމަ ކުންފުނީގެ ހަރަދުގައި ސިންގަޕޫރާއި ބެންކޮކް މެލޭޝިޔާ އަދި ސްރީލަންކާއަށް ވެސް ބޯޑު މެންބަރުން ދަތުރުކޮށްފައި ހުރީ ބިޒްނަސް ކްލާހުގަ އެވެ. ހަމައެކަނި ބޯޑު ބައްދަލުވުމެއް އެކަނި ބާއްވާލަން ސިންގަޕޫރަށް ގޮސް ނަން މަޝްހޫރު ހޮޓާތައް ކުއްޔަށް ހިފައި ޗުއްޓީ ވެސް ހުރީ ހޭދަކޮށްލައިފަ އެވެ. އޭގެ ހަރަދަށް އެތައް މިލިއަން ރުފިޔާއެއް ހުރީ ބޭކާރު ގޮތުގައި ދުއްވާލައިފަ އެވެ. އަދިވެސް ކުންފުނި އުޅެނީ ރިސޯޓްހެދުމުގެ ޕްރޮޖެކްޓްގެ ތެރެއިން ހަދާފައިވާ ކޮންޓްރެކްޓްތަކަށް ދައްކަން ޖެހޭ ފައިސާ އިން ސަލާމަތްނުވެވިގެންނެވެ. ޖީއެމްއާރާ އެކު އަޑިއަޑިން "ޑީލް" ހަދަން އެކަމުގައި ވެސް މަސައްކަތް ކުރިކަން އޮތީ އެ ރިޕޯޓުން ތިލަވެފަ އެވެ.
ކުންފުނީގެ ހިންގުމުގެ ދޯދިޔާކަން އެކަމުން އެކަނިވެސް ހާމަވެ އެވެ. ގުޑްގަވަނެންސް އަކީ ކުންފުންޏަކަށް ކޮންމެހެން މުހިންމު ކަމަކަށް ވިޔަސް އެކަން އޮތީ ދޫކޮށްލައިފަ އެވެ. ހިންގުމުގައި ދޯދިޔާ ކޮރަޕްޝަނަށް މަގުފައިވާ ފަދަ ކަންތައްތަކެއް އެ ކުންފުނިން ހިންގާފައި ހުރި އިރު އެ ކުންފުނި މިހާރު އޮތްގޮތަށް ބާއްވައިގެން ބިލިއަން ރުފިޔާގެ ވިޔަފާރިތައް އެ ކުންފުންޏަށް ހިންގިދާނެ ބާއެވެ؟
ޔަގީނުން ވެސް އެނގޭކަމަކީ ހަރުދަނާކަމެއް ނެތް ކުންފުންޏަކަށް ކުރިން ވެސް ތަރައްގީއެއް ހޯދައި ނުދެވުނު ކުންފުންޏަކަށް އެކަން ކުރެވުމަކީ ނާދިރުކަމެއްކަމެވެ. ހަގީގަތް އޮތީ އެހެން ކަމަށްވާ އިރު ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ. އެމްއޭސީއެލް އެކީއެކަށް ދޮވެ ސާފުކޮށް މުޅި ކުންފުނި އަލުން އާކުރަންޖެހެ އެވެ. ސަރުކާރުން ވެސް އެކަން ގަބޫލުކުރެ އެވެ. އެކްޓިން ޓްރާންސްޕޯޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑިފެންސް މިނިސްޓަރު ރިޓަޔާޑް ކާނަލް މުހަންމަދު ނާޒިމް ވެސް ވިދާޅު ވަނީ އެމްއޭސީއެލް އަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށެވެ. ބަދަލުތަކެއް ބޭނުންވާ ކަމަށެވެ. އަދި ތަރައްގީ ގެނެވޭނީ އެ ބަދަލުތަކާ އެކު ކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ވޭތުވެ ދިޔަ ތަނުގެ ވާހަކަ ދެއްކުމަކީ މުހިންމުކަމެއް ނޫން. އަޅުގަނޑުމެން ވިސްނަންވީ މުސްތަގުބަލަށް، މުސްތަގުބަލް ރަނގަލުކުރެވިގެންދާނެ. އެއާޕޯޓަށް ބަދަލުތަކެއް އަންނާނެ، އަޅުގަނޑުމެނަށް އެމްއޭސީއެލް ހަރުދަނާކުރެއްވޭނެ. އެހެންވީމާ އަޅުގަނޑުމެން އެއްވެސް ގޮތަކަށް ފަހަތަށް ބެލުމެއްނެތް އަޅުގަނޑުމެންބަލާނީ ކުރިއަށް،" ނާޒިމް ވިދާޅުވި އެވެ.
އެއާޕޯޓް ތަރައްގީ ކުރުމަކީ ބުރަ ޓެކްނިކަލް މަސައްކަތެކެވެ. ހުނަރުވެރިންނާއި މަސައްކަތްތެރިންގެ އިރުޝާދާއި ލަފާއެކަމަށް ބޭނުންވާނެ އެވެ. ޖީއެމްއާރުގެ އަތުން އެއާޕޯޓް އަތުލެވުމުން އެއާޕޯޓްގެ ތަރައްގީގެ ދަތުރެއް ނިމުނެއް ނާދެ އެވެ. އަދި ކުރިއަށް އޮތީ އުނދަގޫ ދަތި ދުވަސްތަކެކެވެ. ދަތި މަރުހަލާތަކެއް ކަނޑަތުކުރަން ޖެހޭނެ އެވެ. އަވަސް މުސްތަގުބަލެއްގައި އެތަން ޕްރައިވެޓައިޒް ކުރުމުގެ ވިސްނުން ސަރުކާރުގައި ނެތް އިރު އެމްއޭސީއެލް ވަރުގަދަ ކުރަން ޖެހެ އެވެ. ކޮރަޕްޝަނާއި ފަސާދަޔަށް ހުރި ދޮރުތައް ބަންދުކޮށް އެމްއޭސީއެލް އަށް ވަރުގަދަ އިސްލާހީ ބަދަލުތަކެއް ގެންނަންޖެހެ އެވެ. މުޅި ކުންފުނި އޯވަހޯލް ކުރަންޖެހެ އެވެ. އެހެން ނޫނީ "ދެންވެސް ހިންގި ގޮތަށް" އެއާޕޯޓް ހިންގަން ދޫކޮށްލައިފި ނަމަ ތަރައްގީގެ ކުލަވަރު ފެނުމުގެ ފުރުސަތު ކުޑަ އެވެ. އެ ފިޔަވަޅު އެޅުމުގެ ސަރުކާރު ފަހަތުފަޔަށް ބުރަވާ ނަމަ ދެން ވެސް ދެން ވެސް ފެންނާނީ ފަގީރު މައްސަލަތަކުން ފުނިޖެހިފައިވާ އެއާޕޯޓެވެ.