ސ. ހުޅުދޫގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑު ފަޅާލައިގެން ރޭ ދަންވަރު ވަދެ އެ ފިހާރައިން ވައްކަންކުރި މީހަކު މަސްތުވާތަކެއްތި ކަމަށް ޝައްކު ކުރެވޭ ޕެކެޓްތަކަކާ އެކު މިއަދު ހެނދުނު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 37 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ނަން ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ ސ. ހުޅުދޫ މެގަޓްރެކް ނަމަކަށް ކިޔާ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން އެ ފިހާރަ އިން ވައްކަންކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައަކާ ގުޅިގެން ފުލުހުން ރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކޮށްފައި ވަނީ އެ ރަށު ސައިޑް ކެފޭ ނަމަކަށް ކިޔާ ތަނެއްގެ ތެރޭގައި އިންދައި ކަމަށެވެ.

ފުލުހުން އޭނާ ހައްޔަރުކުރަން މަސައްކަތް ކުރުމުން އޭނާގެ އަތުގައި އޮތް އެއްޗެއް އޭނާ ހުރިތަނަށް ވައްޓާލި ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ތަކެތި ބަލައި ފާސްކުރި އިރު މަސައްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި އޮތް 26 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އެ ރަށު ސައިޑް ކެފޭ ނަމަކަށް ކިޔާ ތަނެއްގެ ތެރޭގައި ހުއްޓައި. ކެފޭ ތެރެއިން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ވަގުތު އޭނާ ހުރި ސަރަޙައްދަށް އެއްޗެއް ވައްޓާލި. ފުލުހުން އޭތި ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 26 ރަބަރު ޕެކެޓް ވެސް ވަނީ ފެނިފައި." ފުލުހުން ބުންޏެވެ.

މެގަޓްރެކް ފިހާރަ ފަޅާލައިގެން ނެގި ކަމަށް ބެލެވޭ ތަކެތި ވެސް މިހާރު ފުލުހުން ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ ތަކެތި ހޯދާފައި ވަނީ އޭނާގެ ހާޒިރުގައި އޭނާ ދިިރިއުޅޭގެ ފުލުހުން ބަލައި ފާސްކުރަމުން ދަނިކޮށް އެގޭގެ ގިފިލި ފަރާތުގައި ބަހައްޓާފައި ހުރި ޓައްޕެއްގެ ތެރެއިން ކަމަށެވެ.

އެ މައްސަލަ އައްޑޫ ސިޓީގެ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން މިހާރު ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ.