08 Dec 2012, 22:49
ގެއްލިގެން ހޯދަމުންދާތާ ހަފްތާއެއް ވެފައިވާ، ސ. މަރަދޫ "ހިތްވަރު ބޯޓު"ލަންކާގެ މަސްބޯޓަކަށް ފެނިއްޖެ އެވެ.
އެ ބޯޓުން ދަތުރުކުރި މީހެއްގެ އާއިލާ މީހެއް ކަމަށް ބުނެ، ސަން އޮންލައިނަށް މިރޭ ގުޅި މީހަކު ބުނީ، މީގެ ކުޑައިރުކޮޅެއް ކުރިން އެ ބޯޓުގައި ހުރި އޭނާގެ ބޭބެ ލަންކާގެ ނަމްބަރަކުން އޭނާއާ ގުޅައި ވާހަކަ ދެއްކި ކަމަށާއި ބޯޓު އޮތީ ހުވަދު އަތޮޅާއި ދިމާލު އިރުމަތީ ފަރާތުން 290 މޭލު ހިސާބުގައި ކަމަށް ބޭބެ ބުނި ކަމަށެވެ. އަދި ބުނީ ބޭބެ ހުރީ ވަރަށް ހާސްވެފައި ކަމަށާއި ބޯޓު ގެއްލުނީ މަގުއޮޅިގެން ކަމަށް ވެސް ބޭބެ ބުނި ކަމަށެވެ.
"ބޭބެ މާގިނަ ވާހަކައެއް ނުދެއްކޭ. އެހެން އެކަނި ބުނީ، ބުނެފައި ބާއްވައިފި،" އޭނާ ބުންޏެވެ.
އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން ކާނަލް އަބްދުއްރަހީމް އަބްދުއްލަތީފް ދެންމެ ވިދާޅުވީ ލަންކާގެ މަސްބޯޓަކުން ކަނޑުމަތިން އަށް ދިވެއްސަކު ނަގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ކޯސްޓްގާޑުން އެ ސަރަހައްދަށް ދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.