08 Dec 2012, 17:07
އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ މިއަދު ސަންޑަލޭންޑާ ދެކޮޅަށް ކުޅޭ މެޗުން ކޮންމެހެން ވެސް މޮޅުވާން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ރަފައެލް ބެނިޓޭޒް ބުނެފި އެވެ.
ބެނިޓޭޒް ބުނީ މިއަދުގެ މެޗުން މޮޅުވާން ޖެހެނީ ކޮންމެހެން އޭނައަށް ޓަކައި ނޫން ކަމަށާއި އެއީ އެ ޓީމާއި ކުޅުންތެރިންނާ ސަޕޯޓަރުންނަށް ޓަކައި ކަމަށެވެ.
"މޮޅުވާން ބޭނުމީ އަހަރެންނަށްޓަކައެއް ނޫން، އެއީ ކުލަބަށްޓަކައި. އަހަރުމެން އެންމެނަށް، އަހަރުމެން ބޭނުން ވަނީ މެޗު ކާމިޔާބު ކުރަން. އަދި އެންމެން ގުޅިގެން އެކުގައި މަސައްކަތް ކޮށްގެން،" ޗެލްސީ ކޯޗު ބުންޏެވެ.
އިނގިރޭސި ލީގުގެ ތިން ވަނައިގައި ޗެލްސީ އޮތް އިރު އެ ޓީމު އޮތީ ތާވަލްގެ ކުރީގައި އޮތް މަންޗެސްޓާ ޔުނައިޓެޑަށް ވުރެ ދިހަ ޕޮއިންޓު ފަހަތު ގަ އެވެ. އަދި މިއީ 1995ގެ ފަހުން ލީގުގައި ޗެލްސީ އެންމެ ދަށްކޮށްދާ ފަހަރެވެ. އަދި މިއަދުގެ މެޗުން ޗެލްސީ މޮޅު ނުވެއްޖެ ނަމަ، އެ ޓީމު ކުލަބު ވޯލްޑް ކަޕްގައި ވާދަ ކުރުމަށް ފަހު ޑިސެންބަރު 23ގައި އެނބުރި ލީގަށް އަންނަ އިރު ޔުނައިޓެޑަށް ވުރެ ގާތްގަނޑަކަށް 19 ޕޮއިންޓް ފަހަތަށް ދިއުމަކީ ވެސް އެކަށީގެން ވާ ކަމެކެވެ.
އިންޓަމިލާން އާއި ކުރީގެ ލިވަޕޫލްގެ ކޯޗު ބުނީ ލީގު ލިބޭނޭ ކަމުގެ އުއްމީދު ދޫކޮށްލަން އަދި މާ އަވަސް ކަމަށާއި ބޭނުން ވަނީ މާދަމާ ކުޅޭ މަންޗެސްޓާ ޑާބީގެ ކުރިން ތާވަލްގައި އެޓީމު މިހާރު އޮތް ތަފާތު ކުޑަ ކުރުން ކަމުގަ އެވެ.
"އަހަރެން ވެލެންސިއާގައި ހުރި އިރު ޖެނުއަރީ އަށް އެޅުނު އިރު އަހަރެމެން އޮތީ އޭރު ތާވަލުގެ ކުރީގައި އޮތް ޓީމަށް ވުރެ އަށް ޕޮއިންޓް ފަހަތުގައި. އެކަމަކު ވެސް އެފަހަރުގެ ލީގު އަހަރެމެން ކާމިޔާބު ކުރިން. ޗެލްސީގައި ވެސް އަހަރުން ބޭނުން ވަނީ ހަމަ އެއްކަމެއް. އަހަރެމެން އެކަންތައް ކުރާނަން،" ބެނިޓޭޒު ބުންޏެވެ.
އަދި އޭނާ އިތުރަށް ބުނީ އޭނާގެ ވިސްނުން ވަރަށް ސާފުކަމަށާއި ބޭނުންވަނީ ސަންޑަލޭންޑް މެޗުން މޮޅުވެ ތާވަލުގައި މިހާރު އޮތް ފަރަގު ކުޑަ ކުރުން ކަމަށެވެ. އަދި މިހާރު އޭނާ އެންމެ ބޮޑަށް ވިސްނަނީ އޭނާގެ ޓީމާއި އަދި ވަޒީފާއާ ދޭތެރޭގައި ކަމަށެވެ.
"މިހާރު އަހަރެންނަށް ކުރެވޭނެ ކަމަކީ އަހަރެންގެ ޓީމާއި ވަޒިފާ އާއި ދޭތެރޭގައި ވިސްނުން. އަހަރުމެން މެޗުތަކުން މޮޅުވާން ފެށުމުން ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑުވެގެން ދާނެ." ޗެލްސީ ކޯޗު ބުންޏެވެ.
އިނގިރޭސި ލީގުގައި ޗެލްސީ މިހާރު އޮތީ 26 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ތެއްތިރީސް ޕޮއިންޓާ އެކު ދެވަނައިގަ އޮތީ މަންޗެސްޓާ ޔުނައިޓެޑް އެވެ. އަދި 36 ޕޮއިންޓާ އެކު ތާވަލުގެ އެއް ވަނައިގަ އޮތީ މަންޗެސްޓާ ޔުނައިޓެޑެވެ.
ޑެންމާކުގެ ނޯޑްސްއެލަނޑްް އަތުން 6 - 1 އިން ޗެލްސީ މޮޅުވި ނަމަވެސް އެންމެ ފަހުގެ ޔޫރަޕްގެ ޗެމްޕިއަން ވަނީ ގަދަ ސޯޅައަށް ނުގޮސް މިއަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގަށް އަލްވަދާއު ކިޔާފަ އެވެ. އެހެން ނަމަވެސް ގުރޫޕްގެ 3 ވަނަ ލިބިފައިވާތީ ޔުއެފާ ޔޫރޮޕާ ލީގުގެ ގަދަ 32 ޓީމުގެ ތެރެއިން ޖާގައެއް އެ ޓީމަށް ލިބޭނެ އެވެ.
ސަންޑަލޭންޑުގެ އަމިއްލަ ދަނޑު "ސްޓޭޑިއަމް އޮފް ލައިޓް" ގައި އެޓީމާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ އަށެއް ޖަހާ އިރު އެވެ.