08 Dec 2012, 15:23
ބަނގުރާ ފުޅިއަކާއި މަސްތުވާތަކެއްޗާ އެކު ތިން މީހަކު ޅ. ނައިފަރުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މާލެ އިން ނައިފަރަށް ދިޔަ ބޯޓަކުން މަސްތުވާތަކެތި އެ ރަށަށް އެތެރެކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އިއްޔެ ހެނދުނު އެ ރަށަށް ދިޔަ ބޯޓަކުން ބޭލި ފޮށިގަނޑެެއް ހިފައިގެން ދިޔަ އުމުރުން 19 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރަން އުޅުމުން ފޮށިގަނޑު އެއްލާލުމަށް ފަހު ފިލަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އެމީހާ ހައްޔަރުކޮށް ފޮށިގަނޑު ބަލައި ފާސް ކުރިއިރު ބަނގުރާ ކަމަށް ބެލެވޭ ދިޔައި އެއްޗެއް ހުރި 500 އެމްއެލްގެ ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ފޮށިގަނޑު ތެރޭ އޮތް ސުޕާރީ ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ފަސް ރަބަރު ޕެކެޓެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެ މައްސަލައިގެ އިތުރުން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އުމުރުން 19 އަހަރުގެ މީހަކާއި 22 އަހަރުގެ މީހަކު ވަނީ މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ އެމީހުންގެ އަތުން މަސްތުވާތަކެތި ފެނުނީ އެ ދެ މީހުން ދުއްވާފައި ދިޔަ ސައިކަލެއް ހުއްޓުވައި ބަލައި ފާސްކުރި އިރު، އެތަނުން އެކަކުގެ އަތުން ކަމަށެވެ.