08 Dec 2012, 15:00
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކައުންސިލްގެ މަގާމުތަކަށާއި ކޮމިޓީތަކަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދު އެ ޕާޓިން ހުޅުވާލައިފި އެވެ.
ޕީޕީއެމް އޮފީހުގައި މިއަދު މީޑިއާ އަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޔުމްނާ މައުމޫން ވިދާޅުވީ މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ބޭއްވި އިންތިގާލީ ކައުންސިލްގެ 35 ވަނަ ބައްދަލުވުމުން ނިންމާފައިވާ ގޮތުގެ މަތިން ޕާޓީގެ ކައުންސިލްތަކަށާއި އެހެނިހެން މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އިންތިގާލީ ކައުންސިލްގެ 35 ވަނަ ބައްދަލުވުމުން ނިންމި ގޮތުގެ މަތިން ޕާޓީގެ ކައުންސިލްތަކަށާއި ދެން ހުރި މަގާމުތަކަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފިން،" ޔުމްނާ ވިދާޅުވި އެވެ.
ޕީޕީއެމް އިން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި މަގާމުތަކުގެ ތެރޭގައި ހިމެނެނީ ޕާޓީގެ ރައީސް ކަމާއި ނައިބު ރައީސް ކަމުގެ ދެ މަގާއި ޕާޓީގެ ގައުމީ ޖަލްސާ އިން އިންތިޚާބު ކުރާ ތިން އަންހެން މެމްބަރުންނާއި ހަމަ އެ ޖަލްސާ އިން އިންތިޚާބުކުރާ އިތުރު އަށް މެމްބަރުންނެވެ.
ޕާޓީގެ ގޮފިތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މަގާމުތަކުގެ ތެރޭގައި ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް ކަމާއި ނައިބު ރައީސް ކަމުގެ އިތުރުން އަންހެން ގޮފީގެ ރައީސާ ކަމާއި ނައިބު ރައީސާ ކަމުގެ މަގާމު ހިމެނެ އެވެ. އޭގެ އިތުރުން ސުލޫކީ ކޮމެޓީއަށާއި އިސްތިއުނާފު ކޮމެޓީގެ އިތުރުން އިންތިހާބު ކޮމެޓީ އަށް ވެސް މެންބަރުން ކުރިމަތި ލުމަށް ވެސް ވަނީ ހުޅުވާލައިފަ އެވެ.
ޕާޓީގެ ހުރިހާ މަގާމު ތަކަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލި ނަމަވެސް އެ ޕާޓީގެ ދީނީ ގޮފީގެ ރައީސް ކަމުގެ މަގާމު އޮތީ ހުސްކޮންނެވެ. އަދި އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތެއް ވެސް ހުޅުވައެއް ނުލަ އެވެ.
ޕީޕީއެމްގެ ދީނީ ގޮފީގެ ރައީސް ކަމުގެ މަގާމު އެންމެ ފަހުން ފުރުއްވީ އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލި ޑރ. އަފްރާޝީމް އަލީ އެވެ. އެމަނިކުފާނު އަވަހާރަކޮށްލުމުން އެ ޕާޓީގެ އިންތިގާލީ ކައުންސިލުން ނިންމާފައި ވަނީ އެ ގޮނޑި ޝަރަފްވެރި ގޮތުން އަފްރާޝީމް އަށް ޚާއްސަކޮށްފައި ބެހެއްޓުމަށެވެ.