08 Dec 2012, 14:44
އެމްޑީޕީގެ އާންމު މެންބަރުން މާޔޫސްކޮށްލައި ލަދެއްގައި ބެދެން ބޭނުން ނުވާ ނަމަ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިތުބާރު ނެތް ކަމަށް އެ ޕާޓީން އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެންދިއުމަށް ޑީއާރުޕީ އިން ގޮވާލައިފި އެވެ.
ރައްޔިތރުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ މައުސޫމް މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެމްޑީޕީން ލަދެއްގައި ބެދެން ބޭނުން ނޫން ނަމަ ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެ ޕާޓީން ނަގަން ޖެހޭނެ ކަމަށެވެ.
"އެމްޑީޕީގެ މަޖިލިސް މެންބަރުން ލަދެއްގައި ބެދެން ބޭނުން ނުވާ ނަމަ އަދި އެމްޑީޕީގެ އާންމު މެންބަރުން މާޔޫސް ކޮށްލަން ބޭނުން ނުވާ ނަމަ އަޅުގަނޑު ގޮވާލަން އެމްޑީޕީ އަށް މިހާރު އެ ޕާޓީން ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވާ ޑިފެންސް މިނިސްޓަރު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދަން." މައުސޫމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދައިގެން އުޅެނީ ޖަޒުބާތުގައި ކަމަށާއި އެ މައްސަލަ އެމްޑީޕީން މަޖިލީހަށް ވެއްދި އިރު ނާޒިމްގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގަން ޖެހޭ ސަބަބެއް ބަޔާން ކޮށްފައި ނެތް ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީން ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ ހަގީގީ މަގުސަދަކީ ސަރުކާރަށް ޖެއްސުން ކުރުމް ކަމަށާއި އެހެން ކަމުން ޖަޒުބާތުގައި ތިބެގެން އެމްޑީޕީން ކުރާ ކަންތަކަށް ޑީއާރްޕީން ތާއިދު ނުކުރާނެ ކަމަށެވެ.
"އެމްޑީޕީން ނާޒިމްގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ ހަގީގީ މަގުސަދަކީ ސަރުކާރަށް ޖެއްސުންކޮށް މަޖިލީހުގެ ވަގުތު ދުއްވާލުން. މަޖިލީހުން މުޅިން ވެސް ފެނިގެން މިދަނީ 30 އަހަރާއި ތިން އަހަރުގެ ޖަޒުބާތުގައި މަޖިލީހުގެ ވަގުތު ނަގާލާތަން. އަޅުގަނޑުމެން ޑީއާރްޕީން ބޭނުމެއް ނުވޭ 30 އަހަރާއި ތިން އަހަރުގެ ޖަޒުބާތުގައި މަޖިލީހުގެ ވަގުތު ނަގާލާކަށް. އެހެންވީމާ 30 އަހަރާއި ތިން އަހަރުގެ ޖަޒުބާތުގައި ޖެހިގެން ކުރާ ކަންތަކަށް ޑީއާރްޕީން ތާއިދެއް ނުކުރާނެ. މިހާރު މަޖިލީހުގައި 30 އަހަރާއި ތިން އަހަރުގެ ޖަޒުބާތުތައް ދޫކޮށްލާފައި ޒިންމާދާރު މަސައްކަތެއް މަޖިލީހުގަ ކުރަން އެބަޖެހޭ." ޑރ މައުސޫމް ވިދާޅުވި އެވެ.
އެހެން ނަމަވެސް މައުސޫމް ވިދާޅުވީ ސަރުކާރުގެ ވަޒީރަކާ ހަވާލުކޮށްފައިވާ މަސްއޫލީއްޔަތެއް އަދާ ނުކުރެވޭ ކަމަށް ޑީއާރްޕީއަށް ގަބޫލު ކުރެވޭ ނަމަ އެ ވަޒީރެއްގެ މައްޗަށް އިތުބާރު ނެތް ކަމަށް ވޯޓް ނަގަން ޑީއާރްޕީން ތާއިދު ކުރާނެ ކަމަށާއި އެކަމުގައި ވެސް މަގުބޫލް އުޒުރެއް އޮންނަން ވާނެ ކަމަށެވެ.
މީގެ އިތުރުން މައުސޫމް ވިދާޅުވީ އެމްޑީޕީން އަދި ޕީޕީއެމް އިން ވެސް މަސައްކަތް ކުރަނީ ޖަޒުބާތުގައި ތިބެގެން ކަމަށާއި އެ ދެ ޕާޓީގެ ވިސްނުމުގައި ވެސް ގައުމީ މަސްލަހަތު އިސްކޮށްގެން މަޖިލީހުގައި މަސައްކަތް ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީއަކީ އަބަދު ވެސް ގައުމު ހަލަބޮލި ކަމެއްގެ ތެރޭގައި ބާއްވަން ބޭނުންވާ ޕާޓީއެއް ކަމަށާއި ގައުމީ މަސްލަހަތު އިސްކޮށްގެން މަސައްކަތް ކުރުމުގެ ވިސްނުމެއް އެމްޑީޕީގެ ނަެތްކަމަށެވެ.
އެ މައްސަލައާ ގުޅިގެން ޑިފެންސް މިނިސްޓަރު ނާޒިމް ސަން އޮންލައިންއަށް ވިދާޅުވެފައި ވަނީ މިނިސްޓަރުންގެ އިތުބާރު ނެތްކަމުގެ ވޯޓުތައް އެމްޑީޕީން މަޖިލީހަށް ވައްދަނީ މި ސަރުކާރު ބަލިކަށިކޮށްލުމަށް ކަމަށާއި އެއީ އެމްޑީޕީ އަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.