ޕާޓްނާޝިޕް އުސޫލުން އެމްޓީޑީސީގެ ހެރެތެރެ ރިސޯޓް ހިންގަން ބޭނުންވާ ބަޔަކު ހޯދުމަށް ހުޅުވާލި ފުރުސަތު އަނެއްކާ އެ ކުންފުނިން އިތުރުކޮށްފި އެވެ.

އެމްޓީޑީސީން ބުނީ އޮކްޓުބަރު މަހު 16 ވަނަ ދުވަހު ކޮށްފައިވާ އިއުލާންގެ މުއްދަތު މި މަހުގެ ހަ ވަނަ ދުވަހު ހަމަވުމާ ގުޅިގެން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެކުންފުނިން ހުޅުވާލާފައިވާ ކަމަށެވެ.

ފަސްސަތޭކަ ސާޅީސް ހަތަރު އެނދުގެ އެ ރިސޯޓްގެ ބީލަން އަލުން ހުޅުވާލި ނަމަވެސް މިފަހަރު ބިޑް ކެންސަލްކުރީ ކީއްވެގެންކަން އެމްޓީޑީސީ އަކުން ނުބެނެ އެވެ. މީގެ ކުރިން ބިޑްތައް ކެންސަލް ކުރަންޖެހިފައި ވަނީ އެކަށިގެންވާ ތަރުހީބު ނުލިބުމުގެ ސަބަބުން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އެމްޓީޑީސީން ހެރަތެރަ ހިންގާނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފައި ވަނީ އެ ކުންފުންޏާ އެކު ޖޮއިންޓްވެންޗާ އުސޫލުން ނުވަތަ ޕާޓްނާޝިޕެއްގެ ދަށުންނެވެ. ނުވަތަ އެ ރަށް ގަނެގެން ހިންގުމަށެވެ.

މީގެ ކުރިން ވެސް ދެ ފަރާތަކުން ހެރެތެރެ ހިންގުމަށް މަސައްކަތް ކުރި ނަމަވެސް ހެރެތެރެ ނުހިންގިގެން ވަނީ ކޮންޓްރެކްޓް ބާތިލްކޮށްފަ އެވެ. އެންމެ ފަހުން، މިދިޔަ އަހަރުގެ ފަހުކޮޅު ތައިލެންޑްގެ އޮނިކްސް ގްރޫޕުން އެރަށް ހިންގަން ފެށި ނަމަވެސް މިއަހަރުގެ ފެބުރުއަރީ މަހު އެ ކުންފުނިން ވަނީ އެ ރަށް ދޫކޮށްލައިފަ އެވެ.