ކުރީގެ ސަރުކާރުން 25 އަހަރު ދުވަހަށް ހިންގަން 2010 ވަނަ އަހަރު އިންޑިއާގެ ޖީއެމްއާރަށް ދީފައިވާ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުން އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ރޭގައި ހަވާލުކޮށްފައިވާ އިރު އެމްސީއެލް ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށް ޑިފެންސް މިނިސްޓަރު އަދި އެކްޓިން ޓްރާންސްޕޯޓް މިނިސްޓަރު މުހަންމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

އެއާޕޯޓްގެ "ކޮއިމަލާ"ވީއައިޕީ ލޯންޖުގައި އެއާޕޯޓް އެމްއޭސީއެލްއާ ހަވާލުކުރުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު އަދި އެކްޓިން ޓްރާންސްޕޯޓް މިނިސްޓަރު މުހަންމަދު ނާޒިމް ވިދާޅުވީ ރޭ ބާރަޖެހުމާ އެކު ދިވެހިންގެ އެއާޕޯޓް އަނބުރާ ދިވެހިންނަށް ލިބިއްޖެ ކަމަށާއި އެއާޕޯޓް ހިންގަމުންދާނީ ސިޔާސީ ނުފޫޒުން ސަލާމަތްވެ އޮވެގެން އެމްއޭސީއެލްގެ ބޯޑު ވަރުގަދަކޮށްގެން ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ވޭތުވެ ދިޔަ ތަނުގެ ވާހަކަ ދެއްކުމަކީ މުހިންމުކަމެއް ނޫން. އަޅުގަނޑުމެން ވިސްނަންވީ މުސްތަގުބަލަށް، މުސްތަގުބަލް ރަނގަލުކުރެވިގެންދާނެ. އެއާޕޯޓަށް ބަދަލުތަކެއް އަންނާނެ، އަޅުގަނޑުމެނަށް އެމްއޭސީއެލް ހަރުދަނާކުރެއްވޭނެ. އެހެންވީމާ އަޅުގަނޑުމެން އެއްވެސް ގޮތަކަށް ފަހަތަށް ބެލުމެއްނެތް އަޅުގަނޑުމެންބަލާނީ ކުރިއަށް،" ނާޒިމް ވިދާޅުވި އެވެ.

އެމްއޭސީއެލް އަށް އަންނާނެ ބަދަލުތަކާބެހޭ ގޮތުން ނާޒިމް ވިދާޅުވީ އެމްއޭސީއެލް އަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި ހަރުދަނާ ކުރައްވާނެ ކަމަށާއި މިހާރު ހުރި އަގުތަކަށް ބަދަލުތައް ގެނައުމަށް މަސައްކަތްކުރައްވަމުންދާ އިރު ކުރިމަގުގައި އެއާޕޯޓް ފެންނާނީ ތަފާތް އެއާޕޯޓެއްގެ ގޮތުގައި ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި ޖީއެމްއާރްގެ އެއްވެސް ފަރާތަކުން ބައިވެރިވެފައިނުވާ އިރު އެއީ ކީއްވެގެންތޯ ނޫސްވެރިއަކު ދެންނެވުމުން ނާޒިމް ވިދާޅުވީ ޖީއެމްއާރުގެ ލައިސަންސް ރޭ 23:59 އިން ފެށިގެން ބާތިލުކޮށްފައިވާ ކަމަށާއި އިއްޔެގެ ވަގުތެއްގައި ޖީއެމްއާރްގެ އިސްބޭފުޅުންނާ މަޝްވަރާކުރައްވާފައިވާ ކަމަށާއި އެއްބަސްވެފައިވާ ގޮތުގެ މަތިން ރޭ އެއާޕޯޓާ ހަވާލުވީ ކަމަށެވެ. އެގޮތުން ޓްރާންސެކްޝަނަކީ ނަމޫނާ ޓްރާންސެކްޝަނަކަށް ހެދުމާ މެދު މަޝްވަރާކުރައްވާފައިވާ ކަމަށާއި މައިގަނޑު ހަ ޕްރިންސިޕަލް އަކަށް އެ ޓްރާންސިޝަން ގެންދަން އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް އެ ހަ ޕްރިންސިޕަލަކީ ކޮބައި ކަމެއް ނާޒިމު ވިދާޅެއް ނުވެ އެވެ.

އެ ރަސްމިއްޔާތުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނާޒިމު ވިދާޅުވީ ޖީއެމްއާރުން އެއާޕޯޓް ހަވާލުކުރިކަން ރަސްމީ ލިއުމަކުން އަންގަން ނުޖެހޭ ކަމަށާއި އަދި ބަންޑާރަ ނައިބް އާޒިމާ ޝަކޫރު ވެސް އެ ގޮތަށް ލަފާ ދެއްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ނޯޓިސްގެ މުއްދަތު ހަމަވުމާ ގުޅިގެން ސަރުކާރުން އެއާޕޯޓާ ހަވާލުވެފައިވާ އިރު އެކަމުގައި ގާނޫނީ އެއްވެސް ސުވާލެއް ނެތް ކަމަށެވެ. އަދި ބަދަލުގެ ގޮތުގައި ދޭނެ މިންވަރަކީ ކޮބައިތޯ ދެންނެވުމުން ސުވާލުކުރުމުން އެ ސުވާލަށް ޖަވާބު ނުދެއްވައި ނާޒިމު ވިދާޅުވީ އާބިޓްރޭޝަން ޓްރައިބިއުނަލްއެއް އެކުލަވާލެވޭނީ އަދި މަދުވެގެން ތިން މަސް ދުވަހުން ކަމަށާއި އެހެންކަމުން އަންނަ އަހަރުގެ ބަޖެޓުން ވެސް ބަދަލު ދޭން ޖެހޭނެ ކަމަކަށް ނުބެލެވޭ ކަމަށެވެ. އަދި ބަދަލުގެ ގޮތުގައި އެއްޗެއް ދޭން ޖެހިއްޖެ ނަމަ ދޭން ޖެހޭނީ ވަރަށް ކުޑަ މިންވަރެއްކަމަށް ވެސް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ ޖީއެމްއާރަށް ދޭން ޖެހޭ ބަދަލު ބަޖެޓުގައި ހިމަނާފައި ނުވާނެ ކަމަށާއި ދޭން ޖެހޭ ބަދަލެއް އަދި ކަނޑައެއް ވެސް ނޭޅޭ އިރު ބަދަލުގެ ގޮތުގައި ދައްކަން ޖެހޭ މިންވަރު ސަރުކާރުން ދައްކާނެ ކަމަށެވެ.

ޖީއެމްއާރާ އެކު ވެފައިވާ އެއްބަސްވުން ސަރުކާރުން އުވާލާފައި ވަނީ އުފެދުނު ދުވަހުން ފެށިގެން ވެސް އެއީ ބާތިލް އެއްބަސްވުމެއް ކަމަށް ބުނެ އެވެ. އަދި ސަރުކާރުން ވަނީ 30 ދުވަހުގެ ތެރޭގައި ޖީއެމްއާރްގެ ތަކެތި ގެންދިއުމަށް ވެސް ޖީއެމްއާރަށް ނޯޓިސް ދީފަ އެވެ. ޖީއެމްއާރުގެ އެއްބަސްވުން އުވާލިކަން އަންގައި ޖީއެމްއާރަށް ފުރަތަމަ ނޯޓިސް ފޮނުވުމުން ޖީއެމްއާރުން ބުނީ އެއާޕޯޓް ދޫކޮށްނުލާނެ ކަމަށައި ދީފައިވާ މުއްދަތު ހަމަވަންދެން އެއާޕޯޓް ހިންގާނެ ކަމަށެވެ. އަދި އެ މައްސަލަ ސިންގަޕޫރުކޯޓަށް ވެސް ޖީއެމްއާރް އިން ވަނީ ހުށައަޅާފަ އެވެ. ނަމަވެސް ސިންގަޕޫރް ކޯޓުން ވެސް އަންގާފައި ވަނީ އެއެގްރިމެންޓް ސަރުކާރަށް ބާތިލްކުރެވޭނެ ކަމަށެވެ.