( ކޮޅުނބު) ސްރީލަންކާގެ އުއްތަމަ ފަނޑިޔާރު ޝިރާނީ ބަންޑާރަނައިކަގެ މައްޗަށް އެ ގައުމުގެ ސަރުކާރުން ތުހުމަތުތަކެއްކޮށް އޭނާގެ މައްސަލަ ބެލުމަށް އައްޔަންކޮށްފައިވާ ކޮމިޓީން އެ ގައުމުގެ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ވަކިވެއްޖެ އެވެ.

ޝިރާނީ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވާ ކަމަށާއި ލިބުނު ގޮތެއް ނޭނގޭ މުއްސަނދިކަމެއް ހޯއްދަވާފައިވާ ކަމަށް ސްރީލަންކާ ސަރުކާރުން ތުހުމަތުތަކެއް ކޮށް، އޭނާގެ މައްސަލަ ބަލައި މަގާމުން ދުރުކުރުމަށް އެ ގައުމުގެ ޕާލަމެންޓުން އެކުލަވާލާފައިވާ ކޮމިޓީގައި ހިމެނެނީ ރައީސް ރާޖަޕަކްޝާގެ ސަރުކާރަށް ތާއީދުކުރައްވާ ހަތް މެމްބަރުންނާއި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ހަތަރު މެމްނަރުންނެވެ. އިދިކޮޅު ހަތަރު މެމްބަރުން ކޮމިޓީން ވަކިވީ އެ ކޮމިޓީގެ މަސައްކަތުގައި މައްސަލަތައް ހުރި ކަމަށާއި އިންސާފުވެރި ނޫން ކަމަށް ވިދާޅުވެފަ އެވެ.

ސްރީލަންކާގެ އިދިކޮޅުފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އުއްތަމަ ފަނޑިޔާރު ޝިރާނީ މަގާމުން ދުރުކުރަން ސަރުކާރުން މަސައްކަތް ކުރަނީ އެ ގައުމުގެ ޖުޑިޝަރީގެ މިނިވަންކަން ނަގާލައި ރައީސް ރާޖަޕަކްޝާގެ އަތްޕުޅަށް އިތުރު ބާރުތައް ޖަމާކުރެއްވުމަށެވެ.

އިދިކޮޅު މެމްބަރުން އިއްޔެ ކޮމިޓީން ވަކިވުމަށް ފަހު ވިދާޅުވީ ޝިރާނީ ބަންޑާރަނައިކަގެ މައްސަލަ، އެކަށީގެންވާ ވަރަށް ވަގުތު ހޭދަކޮށްގެން ރަނގަޅަށް ބެލުމަށާއި މައްސަލައާ ގުޅުން ހުރި 300 ލިޔެކިއުން ދިރާސާ ކުރުމަށް އެ މެމްބަރުން ހުށައެޅި ހުށައެޅުންތައް ސަރުކާރަށް ނިސްބަތްވާ މެމްބަރުން، އަޣުލަބިއްޔަތު ބޭނުންކޮށްގެން ބޭރުކޮށްލާފައިވާ ކަމަށެވެ.

އެ މައްސަލައިގާ ޝިރާނީ ވިދާޅުވެފައި ވަނީ އެ ކޮމިޓީން އިންސާފުވެރިކަމާ އެކު މައްސަލަ ބެލޭނެ ކަމަށް ގަބޫލު ނުކުރައްވާތީ ކޮމިޓީ އަށް ހާޒިރުވެވަަޑައި ނުގަންނަވާނެ ކަމަށެވެ.

ސްރީލަންކާގެ އެ މައްސަލައާ މެދު އެމެރިކާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ޑެޕިއުޓީ ސްޕޯކްސް ޕާސަން މާކް ޓޯނާ އިއްޔެ ވިދާޅުވީ (އުއްތަމަ ފަނޑިޔާރު) މަގާމުން ދުރުކުރުމުގެ މައްސަލައިގެ ވަށައިގެންވާ ކަންތައްތަކާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި އެކަމުގައި ފުރިހަމަވާން ޖެހޭ ކަންތައްތައް ފުރިހަމަވާނެ ކަން ކަށަވަރު ކުރުމަށް ސްރީލަންކާ ސަރުކާރަށް އޭނާ ގޮވާލެއްވި އެވެ.

"އެންމެ ފަހުން ހިނގާފައި މިވާ ކަންތައްތަކަކީ ހިތާމަހުރި ގޮތަކަށް ޑިމޮކްރެޓިކް އާއްމު އުސޫލުތަކަށް ނުބައި އަސަރުތަކެއް ކުރާނެ ކަންތައްތަކެއް، އެއީ ޖުޑިޝަރީގެ މިނިވަންކަމަށް ހުރަސްއެޅުން ވެސް އޭގެ ތެރޭގައި ހިމެނޭ ގޮތުން،" ޓޯނާ ވިދާޅުވި އެވެ. (ބޮސްޓަން ޑޮޓް ކޮމް)