ކުރިކެޓް ބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ 47 ވަނަ ގައުމީ ކްރިކެޓް މުބާރާތުގެ ތިން ވަނަ މެޗުގައި ވާދަ ކުރަނީ އެމްއެލްއެސް އެކަޑެމީ އާއި މާލޭ ސްޕޯޓްސް ކުލަބެވެ.

އިއްޔެ ފެށި މެޗުގެ ފުރަތަމަ ދުވަހުގެ ކުޅުން ނިމުނު އިރު ކުޅެމުން ދަނީ މާލޭ ސްޕޯޓްސް ކުލަބެވެ. ޓޮސް ދިމާވުމުން އެމްއެސް ސްޕޯޓްސް އެކަޑެމީ ކުޅެން އަރައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފައި ވަނީ 119 ލަނޑެވެ. މި އިނިންގްސްގައި އެމްއެސް ސްޕޯޓްސް އެކަޑެމީ އިން އެންމެ ރަނގަޅަށް ކުޅުނީ 36 ލަނޑު ހެދި އަހްމަދު އަފްޒަލް އެވެ. މާލޭ ސްޕޯޓްސް ކުލަބުގެ މުހައްމަދު މަހަފޫޒު ވަނީ 14 އޯވަރުގެ ތެރޭގައި 52 ލަނޑަށް ފަސް ވިކެޓް ނަގައިފަ އެވެ.

ދުވަހުގެ ކުޅުން ނިންމާލި އިރު މާލޭ ސްޕޯޓްސް ކުލަބުން ވަނީ އަށް ކުޅުންތެރިން ނުބައި ވެގެން 90 ލަނޑު ހަދައިފަ އެވެ. ކުޅެން ތިބީ 51 ލަނޑު ހެދި މުއާވިޔަތު އަބްދުލް ޣަނީ އާއި މުހައްމަދު ރަޒާން އެވެ.

މި މެޗުގެ ދެވަނަ ދުވަހުގެ ކުޅުން މިއަދު ހެނދުނު 9:30 އިން ފެށިގެން މާލޭ ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި ކުރިއަށް ދާނެ އެވެ.