ކާޑެއްދޫއިން ވައިގެ މަގުން މާލެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ތިން މީހަކު މަސްތުވާތަކެއްޗާއި ގިނަ އަދަދެއްފައިސާތަކަކާ އެކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އިއްޔެ ހެނދުނު 7:20 އެހާކަންހާއިރު ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައިވަނީ 28 އަހަރާއި 33 އަހަރާއި 34 އަހަރުގެ ތިން މީހަކު ކަމަށެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި މަސްތުވާތަކެތި ބަލާ ދާނެ ކަމަށް މަޢުލޫމާތު ލިބުނު މީހާ ހައްޔަރުކޮށް އަދި އެތަކެތި މާލެއަށް އެތެރެ ކުރަން އުޅުނު ދެ މީހުން ހުޅުލެއިން މާލެއަށް އައި ވަގުތު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސް ކުރިއިރު ބޭރުން އިންސިއުލޭޝަން ޓޭޕް އަދި އޭގެ މަތިން ޓިޝޫ އޮޅާފައި އޮތް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތް ރަބަރު ޕެކެޓް އެތަނުން އެކަކުގެ އަތުން ފެނިފައިވާ ކަމަށެވެ. އޭގެ އިތުރުން އޭނާގެ އަތުން 23،900ރ. އާއި 45 ޑޮލަރު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.