ކާނިވާ ސަރަހައްދުގައި މަރާމާރީ ހިންގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައާ ގުޅިގެން ފަސް ކުއްޖަކު ހައްޔަރުކޮށްފި އެވެ.

އިއްޔެ ހަވީރު ހިންގި އެ މާރާމާރީއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 18 އަހަރުން ދަށުގެ ފަސް ކުއްޖަކު ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބުދުﷲ ރިޔާޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކުރީ އުމުރުން 16 އަހަރުގެ ދެ ކުދިންނާއި 17 އަހަރުގެ ދެ ކުދިންގެ އިތުރުން 15 އަހަރުގެ ކުއްޖެއް ކަމަށެވެ.

ތޫނު އެއްޗަކުން ހަމަލަދީ ޒަޚަމްކޮށްލާފައި ވަނީ އުމުރުން 22 އަހަރުގެ ޒުވާނެކެވެ. އަދި އޭނާ އަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދީފަ އެވެ.

މާލޭގައި މާރާމާރީތައް ހިންގުން މިފަހަކަށް އައިސް އަނެއްކާ ވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން އޮކްޓޯމްބަރު މަހުގެ ތެރޭގައި ވަނީ ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލައިފަ އެވެ.