ކޮންގޯ ސިފައިން އެގައުމުގެ އިރުމަތީ ސަރަހައްދުގައި އެތައް އަންހެނުންނެއްގެ އިއްފަތްތެރިކަން ފޭރުނު ކަމަށް އދ. އިން ކުރި ދިރާސާއަކުން ބެލެވިއްޖެ އެވެ.

ކޮންގޯގެ އެމް 23 ނަމަކަށް ކިޔާ ބާޣީންގެ ޖަމާއަތަކުން މުހިއްމު ރަށެއް ކަމަށްވާ ގޯމާ ހިފުމުން، ކޮންގޯ ސިފައިން އެރަށުން ފައިބައިގެން ދަމުން ގިނަ އަންހެނުންތަކެއްގެ އިއްފަތްތެރިކަން ގަދަކަމުން ފޭރިގަނެ، ތަންތަން ލޫޓުވައި އަދި އެނޫންވެސް އިންސާނިއްޔަތާ ހިލާފު އެތައް އަމަލުތަކެއް ހިންގާފައިވާ ކަމަށް ބެލެވޭ ކަމަށް އެމައްސަލަ ތަހުގީގުކުރަމުންދާ އދ.ގެ ސުލްހަބަލަހައްޓާ ސިފައިން ބުންޏެވެ.

ނަމަވެސް ގޯމާއާ 40 މޭލު ދުރުގައިވާ މިނޯވާ ނަމަކަށް ކިޔާ ސަރަހައްދުގައި ކޮންގޯ ސިފައިން 70 އަންހެނުންގެ އިއްފަތްތެރިކަން ފޭރުނު ކަމަށް ކުރެވިފައިވާ އެ ތުހުމަތުތައް އަދި ކަށަވަރު ނުވާ ކަމަށް އދ.ގެ ޑެޕިއުޓީ ސްޕޯކްސް ޕާސަން އެޑުރާޑޯ ޑެލް ބުއޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންގޯގައި ތިބި އދ.ގެ ސުލްހަބަލަހައްޓާ ސިފައިން ދަނީ އެމައްސަލަތައް އިތުރަށް ތަހުގީގުކުރަމުން ކަމަށާއި އެމައްސަލައިގެ ކަންބޮޑުވުންތައް ކޮންގޯގެ ކަމާ ބެހޭ ފަރާތްތަކަށް މިހާރު ވާނީ ހުށައަޅާފައި ކަމަށެވެ.

މިނޯވާ ސަރަހައްދުގައި ޖިންސީ އަނިޔާ ލިބިފައިވާ އަންހެނުންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންގޯގެ ސިއްހީ ދާއިރާގެ ފަރާތްތަކާއި އދ.ގެ އެހެން ބައިވެރިންނާ އެކު މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޑެލް ބުއޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޯމާއާއި އެރަށުގެ ވަށައިގެންވާ ސަރަހައްދުތަކުގައި އެމް23 ގްރޫޕްގެ ބާޣީން ވެސް އާއްމުން މެރުމާއި ޒަހަމްކުރުމާއި އިއްފަތް ފޭރުމުގެ އިތުރުން ގަދަކަމުން ކުޑަކުދިން ހަނގުރާމައިގެ ތެރެއަށް ވެއްދުން ފަދަ އަމަލުތައް ހިންގާ ކަމުގެ ޝަކުވާތައް މިދިޔަ ޖޫން މަހުން ފެށިގެން ލިބެމުން އައި ކަމަށެވެ.
އދ. އިން ބުނީ ބާޣީން މިހާރު ގޯމާއިން ފައިބައި، އެރަށް އާއްމު ހާލަތަކަށް އައިސްފައިވާ ކަމަށެވެ.