ސްރީލަންކާގެ ނާވަލަޕިޓިޔާ ޖަޔަތިލަކަ ސްޓޭޑިއަމް ގައި މިހާރު ކުރިއަށް ގެންދާ މަހިންދަ ރާޖަޕަކްސާ އިންޓަނޭޝަނަލް ފުޓްބޯލް ޓޯނަމެންޓް 2012 ގެ ފައިނަލް މެޗުގެ ދެވަނަ ޖާގަ ޕާކިސްތާނުގެ 23 އަހަރުން ދަށުގެ ގައުމީ ޓީމު އިއްޔެ ހޯދައިފި އެވެ.

މުބާރާތް ބާއްވާ ސްރީލަންކާ އާއި ދެކޮޅަށް އިއްޔެ ހަވީރު ޕާކިސްތާނު ކުޅުނު މެޗު އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް ފައިދާ ގޯލްގެ ތަފާތުން ކުރި ލިބުނީ ޕާކިސްތާނު ޓީމަށެވެ.

މި މުބާރާތުގައި އިއްޔެ ކުޅެވުނު ފުރަތަމަ މެޗުގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމު ވަނީ ބަންގުލަދޭޝްގެ 23 އަހަރުން ދަށުގެ ގައުމީ ޓީމާ ވާދަކޮށް އެކެއް ސުމަކުން ބަލިވެފަ އެވެ. އިއްޔެ ގެ މެޗުން ބަލިވިނަމަވެސް ރާއްޖެ ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދާފަ އެވެ.

ރާއްޖެ އާއި ޕާކިސްތާނު ވާދަކުރާ މި މުބާރާތުގެ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހު މެންދުރު ފަހު ތިނެއް ޖަހާ އިރު އެވެ. މި މުބާރާތުގެ ލީގު ސްޓޭޖުގައި ޕާކިސްތާނާއި ރާއްޖެ ބައްދަލު ކުރި މެޗު އެކެއް ސުމަކުން ކާމިޔާބުކުރީ ރާއްޖޭގެ ޓީމެވެ.