08 Dec 2012, 09:46
މިއަހަރުގެ އޮކްޓޫބަރު މަހު މީރާއަށް ލިބުނު އާމްދަނީއަށްވުރެ މިދިޔަ ނޮވެމްބަރު މަހު މީރާއަށް ލިބުނު އާމްދަނީ 21.5 މިލިއަން ރުފިޔާ އިތުރުވެއްޖެ އެވެ.
މީރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މީރާއަށް މިދިޔަ މަހު އާންމުދަނީގެ ގޮތުގައި ލިބިފައިވަނީ 403.5 މިލިއަން ރުފިޔާ އެވެ. އަދި އޮކްޓޫބަރު މަހު ލިބިފައިވަނީ 382 މިލިއަން ރުފިޔާކަމުން އެއީ 21.5 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު އެއީ 29 ޕަސެންޓް އިތުރު އަދަދެކެވެ.
މީރާއަށް މިދިޔަ މަހު ލިބިފައިވާ އާންމުދަނީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބިފައި ވަނީ 2.7 މިލިއަން ރުފިޔާ އެވެ. އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ޖުމްލަ 794.3 މިލިޔަން ރުފިޔާ މީރާއަށް ވަނީ ލިބިފަ އެވެ.
އަދި މިދިޔަ މަހު ލިބިފައިވާ ވިޔަފާރީގެ ފައިދާ އިން ނެގޭ ޓެކްސް ނޫނީ ބީޕީޓީގެ ގޮތުގައި ނޮވެމްބަރުގެ ނިޔަލަށް ޖުމްލަ 1.4 ބިލިޔަން ރުފިޔާ ލިބިފައިވާ އިރު މުދަލާއި ހިދުމަތުގެ އަގުން ނެގޭ ޓެކްސްގެ ގޮތުގައި ޖުމްލަ 2.3 ބިލިޔަން ރުފިޔާ ވަނީ ލިބިފަ އެވެ. ޓޫރިޒަމް ޓެކްސް ނޫނީ، ބެޑް ޓެކްސްގެ ގޮތުގައި 737.1 މިލިޔަން ރުފިޔާ މީރާއަށް ވަނީ ލިބިފަ އެވެ.
މިއަހަރުގެ ދިހަ މަސް ދުވަސް ފާއިތުވީ އިރު މީރާ އަށް ލިބުނު އާމްދަނީ ވަނީ 6.5 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ.