08 Dec 2012, 09:29
އިންޑިއާގެ ޖީއެމްއާރަކީ ވިޔަފާރީގެ އުސޫލުން އެއާޕޯޓްތަކާއި މަގުތައް އަދި އެނޫންވެސް އިންފްރާ ސްޓްރަކްޗާ ތަރައްގީ ކުރުމުގެ މަސައްކަތް ހިންގާ ކުންފުންޏެކެވެ. އެ ކުންފުނީގެ ބޮޑު ހިއްސާއެއް އޮންނަ ގޮތަށް މެލޭޝިއަން އެއާޕޯޓްސް ބަރުހާދާ އެކު އުފެއްދި ކޮންސޯޓިއަމްއިން ހުޅޭލޭ އެއާޕޯޓް ހިންގަން ފެށީ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު އެވެ. އެކަމުގެ ތެރޭގައި ބޮޑެތި "ހިޔާނާތް" ހުރި ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން އަޑުއުފުލި އެވެ.
ރައީސް ނަޝީދުގެ އިސްތިއުފާއަށް ފަހު މިހާރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމާ ހަވާލުވެވަޑައިގެން އޭރުގެ އިދިކޮޅު ހުރިހާ ފަރާތްތައް ގެންނަވައި ސަރުކާރުގެ ތެރެއަށް ވެއްދެވި އެވެ. ބޭރުކުރަން ޖެހޭ ކަމަށް ބުނާ ޖީއެމްއާރަށް އެއާޕޯޓް ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުން އޮމާން ކަމާ އެކު އުވާލުމުގެ ހުރިހާ ބާރަކާ އިޚުތިޔާރެއް އެހިސާބުން އޮތީ ސަރުކާރަށް ލިބިފަ އެވެ.
ނަމަވެސް އެގޮތަށް އެކަން ނުކޮށް، ސަރުކާރަށް ތާއީދު ކުރާ ވެރިންތަކެއް " ގައުމީ ހަރަކާތު"ގެ ނަމުގައި ނުކުމެ ކުރި މުޒާހަރާތައް ސިފަވީ ޖީއެމްއާރާ ދެކޮޅަށް ކުރި މުޒާހަރާތަކަކަށް ވުރެ ސީދާ އިންޑިއާ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާ ތަކަކަށެވެ. ރާއްޖޭގައި ހުންނެވި އިންޑިއާގެ ހައިކޮމިޝަނަރު މުލޭ އަކީ "ޚާއިނެއް" ކަމަށް އެ މުޒާހަރާތަކުގައި އަޑުއުފުލި އެވެ.
އޭގެ ނަތީޖާ ފެނުނީ އެހެން ގޮތަކަށެވެ. ޖީއެމްއާރާ ދިވެހި ސަރުކާރާ ދެމެދު އުފެދުނު މައްސަލައިގެ ތެރެއަށް އިންޑިއާ ސަރުކާރުން ވަނީ މުޒާހަރާތަކާއި އިންޑިއާއަށް ރައްދުކުރި ބަސްތައް ބަހަނާއަކަށް ހަދާފަ އެވެ.
"ޖީއެމްއާރާ ދިވެހިސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމަކީ ކޮމާޝަލް އެއްބަސްވުމެއް، އެ އެއްބަސް ވުން އުވާލާނެ އުސޫލުތައް އެއްބަސްވުމުގައި ވެސް އޮންނާނެ، އެކަން ކުރަން ޖެހޭނީ އޮމާން ކަމާ އެކު ކޮމާޝަލް އުސޫލުން، މުޒާހަރާތައް ކޮށް އިންޑިއާ ސަރުކާރުގެ އިސް ފަރާތްތަކަށް ހިތުހުރިހާ އެއްޗެއް ގޮވާ ހެދުމަކީ ޖީއެމްއާރާ ހިސާބުން ނިމޭ ކަމެއް ކަމަކަށް އިންޑިއާ އަކުން ނުދެކޭނެ، އެއީ ސީދާ އިންޑިއާ އާ ގުޅޭ ޑިޕްލޮމެޓިކް މައްސަލައެއް، " އިންޑިއާ ހައިކޮމިޝަނުގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވީ ޖީއެމްއާރު މައްސަލައިގާ އިންޑިއާ ސަރުކާރުން ނެރުނު ހަރުކަށި ބަޔާންތައް އައުމުގެ ކުރިންނެވެ.
އޭގެ ފަހުން އައި ފުރަތަމަ ބަޔާނުގައި އޮތީ " ރާއްޖޭގައިވާ އިންޑިއާގެ ރައްޔިތުންނާއި މަސްލަހަތުތައް ހިމާޔަތް ކުރުމަށް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް އިންޑިއާ ތައްޔާރަށް އޮތް" ކަމަށެވެ.
އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ސަލްމާން ހޫރުޝީދު އޭރު ވިދާޅުވީ ޖީއެމްއާރާ އެކު ވެފައި އޮތް އެއްބަސްވުން އުވާލުމަކީ ނުބައި ސިގްނަލެއް ކަމަށެވެ.
"ވާހަކަ ނުދައްކައި، އެއްބަސްވުމުގައިވާ ގޮތުގެ މަތިން އާބިޓްރޭޝަންގެ ފުރުސަތު ވެސް ނުދީ އެ އެއްބަސްވުން އުވާލުމަކީ ފޮރިން އިންވެސްޓަރުންނަށާއި ބައިނަލްއަގުވާމީ މުޖުތަމައަށް ދިން ވަރަށް ނުބައި ސިގްނަލެއް،" ސަލްމާން އޭރު ނެރުއްވި ބަޔާނުގައި ވިދާޅުވިއެވެ.
ޖީއެމްއާރު އަތުން އެއާޕޯޓް ނެގުމުގައި އެއްބަސްވުމާ ހިލާފު އެއްވެސް ކަމެއް ކޮށްފި ނަމަ ދެގައުމުގެ ގުޅުމަށް އަސަރުކުރާނެ ކަމަށް ވެސް އިންޑިއާ ސަރުކާރުން ފަހުން ބުންޏެވެ.
ޑިޕްލޮމެޓކް ބަހުރުވައިން އެއީ ވަރަށް ހަރުކަށި ވާހަކައެކެވެ. ވަރަށް ބޮޑެތި މައްސަލަ ތަކުގައި ނޫނީ ސިޔާސީ ގޮތުން ގާތް ގުޅުމެއް އޮންނަ އެއް ގައުމަކުން އަނެއް ގައުމަކާ ބެހޭ ގޮތުން އެފަދަ ވާހަކައެއް ނުބުނާނެ އެވެ.
ޖީއެމްއާރު މައްސަލައިގާ ދިވެހި ސަރުކާރުން އެންމެ ފުރަތަމަވެސް ކުރަން ޖެހޭ ކަންތައް ކުރީ ދެނެވެ. އެއީ އެމައްސަލަ ކޯޓަށް ވެއްދުމެވެ.
ސިންގަޕޫރުގެ ކޯޓަކަށް ވެއްދި އެ މައްސަލަ ފުރަތަމަ ނިމުނީ ސަރުކާރުން ދިން މުހުލަތުގެ ތެރޭގައި ޖީއެމްއާރު އެއާޕޯޓުން ފައިބަން ނުޖެހޭނެ ކަމަށެވެ. އިންޑިއާ ސަރުކާރުން އެންމެ ފުރަތަމަ ދުވަހުވެސް ކަންބޮޑުވި އެއް މައްސަލައަކީ އެއެވެ. ފައިބަން ދިން މުހުލަތު ކުޑަވުމެވެ.
" ބޮޑު އިންވެސްޓްމެންޓެއް ކޮށްގެން، ބޮޓު ސެޓަޕް އެއް ހަދައިގެން ތިބި ބަޔަކު ހަފުތާއެއް ތެރޭގައި ފައިބަން އެންގުމަކީ ބިރު ދެއްކުން، " އިންޑިއާ އޮފިޝަލް އޭރު ވިދާޅުވި އެވެ.
އިންޑިއާއިން ރާއްޖެއަށް ދޭ އެހީތައް ހުއްޓާލުމާ މެދު ވިސްނަން ޖެހިދާނެ ކަމަށް ވެސް އެގައުމުން ފަހުން ބުންޏެވެ.
ސިންގަޕޫރު ކޯޓުން އޭރު ނެރުނު އަމަރު ބާތިލުކޮށް އެހެން ހުކުމެއް އޭގެ ފަހުން އައެވެ. ނަމަސް އެކަމުގައި ވެސް ދިވެހި ސަރުކާރާ އިންޑިއާ ސަރުކާރާ ދެމެދު ހިޔާލު ތަފާތެވެ.
އެއާޕޯޓް އަތުލުމުގެ ބާރު ދިވެހި ސަރުކާރަށް އޮންނާނެ ކަމަށް ކުރި ހުކުމަކީ އެއްބަސްވުމުގައިވާ ކަންތައްތައް ފުރިހަމަ ނުކޮށް ވެސް ނެގުމަށް ލިބުނު ލައިސަންސެއް ކަމަށް ދިވެހި ސަރުކާރުން ދެކުނެވެ. ނަމަވެސް އެހުކުމާ ގުޅިގެން އިންޑިއާ ސަރުކާރުން ބުނީ ތަފާތު ވާހަކައެކެވެ.
ބުނީ އެއްބަސްވުން އުވާލުމުގައި ގާނޫނީ ގޮތުން ފުރިހަމަވާންޖެހޭ ކަންތައްތައް ފުރިހަމަ ވުމަށް ހުރަސް އެޅޭ ކަމަށް ނުދެކޭ ކަމަށެވެ.
"(އުވާލާ ނަމަ) ބަދަލު ދޭން ޖެހޭ ގޮތަށް އޮތް އެއްބަސްވުމުގެ ގާނޫނީ ހައިސިއްޔަތު އެކުހުމުގެ ސަބަބުން ނުގެއްލޭނެ" އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ހޫރުޝީދު ވިދާޅުވި އެވެ.
އިންޑިއާގެ ވާހަކަތައް މިހެން ހުރުމުން މިމައްސަލައިގާ އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ވާނެ ގޮތަކާ މެދު މިހާރު ސުވާލު އުފެދެއެވެ. ނަމަވެސް އެކަމުގައި ދިވެހިންނަށް އޮތް ހިތްހަމަ ޖެހުމަކީ ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން ، ރާއްޖެއަކީ ސްޓްރެޓެޖިކް ގޮތުން އިންޑިއާއަށް ވަރަށް މުހިއްމު ގައުމަކަށް ވާ ކަމެވެ. އެހެންވެ ރާއްޖެއާ އިންޑިއާ ދެމެދު ގުޅުން ގޯސް ވިޔަސް އެ ގުޅުން ކެނޑިގެން ނުދާނެ ކަން ގާތްގަނޑަކަށް ޔަގީންވެ އެވެ.
ރާއްޖޭގެ ވެރިކަން ބަދަލުވެ، ބައިނަލް އަގުވާމީ މުޖުތަމައުގެ ފާޑުކިއުންތައް ސަރުކާރަށް އަމާޒުވި ދުވަސްވަރު ވެސް އިންޑިއާއިން ބުނީ " ރާއްޖެއަކީ ސަލާމަތީ އަދި ސްޓްރެޓެޖިކް ގޮތުން އިންޑިއާއަށް ވަރަށް މުހިއްމު ސަރަހައްދެއްގައި އޮތް ގައުމަކަށް ވާތީ ކޮންމެ ހާލަތެއްގައި ނަމަވެސް ރާއްޖެއާ އެކު މަސައްކަތް ކުރާނެ" ކަމަށެވެ.