08 Dec 2012, 00:18
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރާއި ހަވާލުކުރުމަށް ދިވެހި ސަރުކާރާއި ޖީއެމްއާރާއި ދެމެދު ވެފައިވާ އެއްބަސްވުން އުވާލުމުގެ ސަބަބުން އެ ކުންފުންޏަށް ލިބެންޖެހޭ ބަދަލު އަގު ކުރަމުންދާކަމަށް ޖީއެމްއާރުން ބުނެފި އެވެ.
ޖީއެމްއާރުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނަނީ ޖޫން 28، 2010 ގައި ދިވެހި ސަރުކާރުން އެ ކުންފުންޏާ އެކު ސޮއިކުރި އެއްބަސްވުން އުވާލުމުގެ ސަބަބުންނާއި ސިންގަޕޫރުގެ ކޯޓް އޮފް އެޕީލް އިން ނެރުނު އަމުރާ ގުޅިގެން ލިބެން ޖެހޭ ބަދަލު އެ ކުންފުނީގެ ފަރާތުން އަގުކުރަމުންދާ ކަމަށެވެ. އަދި އެއާޕޯޓް ހަވާލުކުރުމުގެ ސަބަބުން އެއާޕޯޓްގެ މުވައްޒަފުންނަށާއި އަދި އެނޫން ވެސް ފަރާތަކަށް ގެއްލުމެއް ނުވާނެ ކަމުގެ ޔަގީންކަން ސަރުކާރުން އެ ކުންފުންޏަށް ދީފައިވާކަމަށް ވެސް ޖީއެމްއާރްގެ ބަޔާނުގައި ވެއެވެ.
ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމާ ގުޅިގެން ޖީއެމްއާރުގެ ހިއްސާގެ އަގު 4.5 ޕަސެންޓް ދަށަށް ގޮސްފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.
ޖީއެމްއާރާއި އެއާޕޯޓު ހަވާލު ކުރި މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު ތަހުގީގު އަދިވެސް ނިމިފައި ނުވެއެވެ.
އެއާޕޯޓް ތަރައްގީކޮށް ހިންގުމަށްޓަކައި ހުޅުވާލި ބިޑް އެވޯޑް ކުރުމުގައި ކަންތައްތައް ހިނގާފައި ވަނީ އެފަދަ އެގްރިމެންޓެއްގައި ކަންކުރަން އޮންނަ އުސޫލުތަކާ އެއްގޮތަށްތޯ އާއި އެކަމުގައި އެއްވެސް ޖިނާއީ އަމަލެއް ހިމެނޭތޯ ބަލައި ދިނުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ (އެމްއޭސީއެލް) އިން ދާދިފަހުން ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ.