07 Dec 2012, 23:28
ހދ. ކުޅުދުއްފުށީގައި އުމުރުން 78 އަހަރުގެ ފިރިހެނެއް ވަޅެއްގެ ތެރޭގައި މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ. ސަން އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ އެ ރަށު ނިއުމާގެ، ހަސަން އަބޫބަކުރު އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި ވަޅު ތެރޭގައި އެމީހާ މަރުވެފައި އޮއްވާ ފެނުނީ މިއަދު ހަވީރު 17:15 އެހާކަންހާއިރު އެވެ.
ކުޅުދުއްފުށިން މައުލޫމާތިން މީހަކު ބުނީ އެމިހާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުންދާ ގެއިން ކަމަށާއި އެވަޅަކީ އާދައިގެ އުސްމިނެއްގައި ހުރި ވަޅެއް ކަމަށެވެ.
"ފެންވަރަން ވަދެ ގިނަ އިރުވެގެން އެގޭގެ މީހުން ގޮސް ބެލިއިރު ފެނުނީ ވަޅުތެރޭގައި މަރުވެފައި އޮއްވާ. އެ ވަޅަކީ ހަމަ އާދައިގެ ވަޅެއް،" އެމީހާ ބުންޏެވެ.
އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ ބުނެފަ އެވެ. އެ ހާދިސާ މިހާރު ތަހްގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.