ސިޔާސީ ދާއިރާގައި އުޅުއްވާ ބައެއް ބޭފުޅުން "ގައުމަށްޓަކައި އޭ ކިޔުއްވައިގެން ހައްދަވަމުން ގެންދަވަނީ ހުސް ދޮގު" ކަމަށާއި އެބޭފުޅުންގެ ފަރާތުން ރައްޔިތުނަށް ލިބޭނެ ފައިދާއެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހއ. ދިއްދޫގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ނަޝީދު ވިދާޅުވީ ގައުމަށްޓަކައި އޭ ކިޔުއްވައިގެން ވާހަކަ ދައްކަވާ ބޭފުޅުންގެ ފަރާތުން ލިބޭނެ ފައިދާއެއް މިހާތަނަށް ފެންނަން ނެތް ކަމަށާއި ނަމަވެސް އެމްޑީޕީން ކޮށްފައިވާ ކަންތައްތައް ރައްޔިތުނަށް ފެންނަން ހުންނާނެ ކަމަށެވެ.

"ގައުމަށްޓަކާ އޭ ކިޔައިގެން އެ ހަދަނީ ހުސް ދޮގު. އެއީ ހުސް ދޮގު. 'ގައުމަށްޓަކާ' ގައި އަތެއް ނުލެވޭނެ. ނަރުދަމާ ގައި އަތްލެވޭނެ. ބޯހިޔާވަހިކަމުގައި ނިދޭނެ. އެކަނިވެރިމައިންނާއި، ނިކަމެތިންނާއި އުމުރުން ދުވަސްވީ މީހުންނަށްދޭ އިނާޔަތުން އިޖުތިމާއީ ރައްކާތެރިކަން ލިބޭނެ. ގައުމަށްޓަކައި ކަންތައް ކުރުމަކީ އެކަނިވެރިމައިންނަށް އަޅާލުން. ކުދިންނަށް އަޅާލުން ލިބިގެން ބޮޑުވާނީ އެކަނިވެރިމައިންނާއި އަޅާލެވިގެން، ނިކަމެތިންނާ އަޅާލުން. ފަގީރުކަމުން އަރައި ގަނެވޭނީ ނިކަމެތިންނާ އަޅާލައިގެން. ފަގީރުކަމުން އަރައި ނުގަނެވޭ އެއްވެސް ގައުމަކަށް ތަރައްގީއެއް ނުގެނެވޭނެ،" އެމްޑީޕީން ބޮޑު ތިލަދުންމައްޗަށް ކުރަމުން އަންނަ ދަތުރުގައި، ދިއްދޫގައި ރޭ ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންނަށް މިހާރު ލިބެމުންދާ އެއްޗަކީ ރައްޔިތުނަށް ހައްގު މިންވަރެއް ނޫން ކަމަށާއި، ރާއްޖޭގެ ތަރައްގީއަށްޓަކައި ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް އެމްޑީޕީން “ހަބޭހަށް” ބޭނުންކުރާނޭ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

އަދި ވިދާޅުވީ ރައްޔިތުންގެ އިޖްތިމާއީ ރައްކާތެރިކަން މިހާރު ދަނީ ގެއްލެމުން ކަމަށާއި އޭގެ ސަބަބުން ރައްޔިތުނަށްދަނީ ދުވަހެއް ދުވަހަކަށް ނިކަމެތިވަމުން ކަމުގައި ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި އަލުން ރާއްޖެ ތަރައްގީ ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ރާއްޖެ މިދަނީ ބީވެގެން. މިރާއްޖެ މިދަނީ ބީވެގެން. އަޅުގަނޑުމެންގެ އަގީދާ މިދަނީ ބަލިކަށިވަމުން. އަޅުގަނޑުމެންނަށް މިރާއްޖެ ތަރައްގީ ކުރެވޭނެ. މިރާއްޖެ ބަދަލުކުރެވޭނެ. އަޅުގަނޑުމެން އެކަންކޮށްފައި ނޫނީ ނުހުއްޓާނެ،" ނަޝީދު ވިދާޅުވި އެވެ.

އަންނަ އަހަރު ގައުމުތަކުން ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވާ ފައިސާ އަކީ އެމްޑީޕީގެ ސަރުކާރުގައި ހިލޭ އެހީ ލިބުނު މިންވަރުގެ ދެ ބައިކުޅަ އެއް ބައި ކަމަށް ވިދާޅުވެ ސަރުކާރުން ހުށަހަޅުއްވާފައިވާ ދައުލަތުގެ ބަޖެޓަށް ނަޝީދު ފާޑު ވިދާޅުވި އެވެ.

ރޭ ދިއްދޫގައި ބޭއްވި ޖަލްސާގައި އެމްޑީޕީއަށް އަލަށް ގުޅުނު ބައެއް ފަރާތްތަކުގެ ފޯމުތަކާ ރައީސް ނަޝީދު ހަވާލުވެވަޑައިގަތެވެ.