07 Dec 2012, 20:36
އަންހެން ކުއްޖަކާ އެކު ބަދުއަޚުލާގީ އަމަލު ހިންގުމުގެ ތުހުމަތުގައި ފުލުހުން ރޭ ހައްޔަރު ކުރި ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުންނެވި، އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) ގެ ބަންދުގެ މުއްދަތު 15 ދުވަހަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.
ފުލުހުން ބުނީ އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް ކްރިމިނަލް ކޯޓުން އިތުރު ކޮށްދީފައި ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިރޭ ކްރިމިނަލް ކޯޓަށް ގެންދިޔުމުން ކަމަށެވެ.
އޭނާ ރޭ ހައްޔަރު ކޮށްފައި ވަނީ އޮލިމްޕަސް ކުރިމަތީ އޮންނަ ގޯޅިތެރޭގައި ހުންނަ ގ. މާވަސްގޭގެ ކޮޓަރި އެއްގެ ތެރޭގައި 17 އަހަރުގެ އަންހެން ކުއްޖަކާ އެކު ބަރަހަނާކޮށް އޮއްވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ އަންހެން ކުއްޖާ ވެސް ހުރީ ހައްޔަރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އެންމެ ފަހުން ބޭއްވި ނިއުސް ކޮންފަރެންސަގައި ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެފައި ވަނީ ޖިނާއީ ކުށެއް ހިންގީ ކޮންމެ މީހެއްކަމަށް ވިޔަސް އެމީހެއްގެ މަގާމަށް ބެލުމެއް ނެތި އެމީހަކު ޝަރީއަތުގެ ކުރިމައްޗަށް ގެންދިޔުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ފުލުހުން ކުރާނެ ކަމަށެވެ.