Last Updated: 1 decade 3 year ago
ސަރުކާރުގެ ފަރާތުން އެކްޓިން ޓްރާންސްޕޯޓް މިނިސްޓަރަކަށް ހުންނެވި ޑިފެންސް މިނިސްޓަރު މުހަންމަދު ނާޒިމާއި ޖީއެމްއާރުގެ ފަރާތުން އެއާޕޯޓްގެ ސީއީއޯ އެންޑްރޫ ހެރިސަން ވަނީ މިއަދު ހަވީރު އެއާޕޯޓްގެ މުވައްޒަފުންނާއި ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުވުމާ ގުޅޭ "ސަން"އަށް މައުލޫމާތު ދެއްވަމުން ނާޒިމް ވިދާޅުވީ މިރޭ 12:00ގެ ފަހުން އެއާޕޯޓާއި އެމްއޭސީއެލްއިން ހަވާލުވެ އެއާޕޯޓް ހިންގަމުންދާނެ ކަމަށް ޖީއެމްއާރުގެ ފަރާތުން އެ ބައްދަލުވުމުގައި އެންޑްރޫ ވިދާޅުވި ކަމަށެވެ. އަދި އެއާޕޯޓްގެ އެއްވެސް މުވައްޒިފެއްގެ ވަޒީފާއަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށާއި ކުރިންވެސް ލިބެމުން ދިޔަ އިނާޔަތްތަކާއި މުސާރަވެސް ލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުގެ ފަރާތުން މުވައްޒަފުންނަށް އަރުވާފައިވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި އެއާޕޯޓް ހަވާލުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާއިރު މުވައްޒަފުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބެމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑާއި ދިމާވި އެއްވެސް މުވައްޒަފަކު އެކަމާއި ނުރުހުން ވެގެން ނޫޅޭ. ހުރިހާ މުވައްޒަފުންގެވެސް އެއްބާރުލުމާ އެކު އެކަން ކުރިއަށް މިގެންދެވެނީ. ހުރިހާ މަސައްކަތެއްވެސް ދަނީ ވަރަށް ރަނގަޅަށް ކުރިއަށް. އެއާޕޯޓާ ހަވާލުވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރުވަނީ ވެފައި،" ނާޒިމް ވިދާޅުވި އެވެ.
އަދި ވިދާޅުވީ ޖީއެމްއާރުގެ ފަރާތުންވެސް އެ މަސައްކަތުގައި ފުރިހަމަ އެއްބާރުލުން ލިބެމުން އަންނަ ކަމަށާއި މިއަދު ހެނދުނު 10:00 ޖެހީއިރުން ފެށިގެން އެއާޕޯޓާ ހަވާލުވުމަށް ބަދަލު ކުރަން ޖެހޭ ލިއެކިއުންތަކާއި ހުރިހާ ކަމެއްގެ މަސައްކަތްވެސް ކުރިއަށް ދަނީ ޖީއެމްއާރުެގ ފުރިހަމަ އެއްބާރުލުމާ އެކު ކަމަށެވެ.
"އަޅުގަނޑު ވަރަށް ޝުކުރުވެރިކަމާ އެކު އެބޭފުޅުން [ޖީއެމްއާރު] އަދި އެތަނުގެ ސްޓާފުންގެ އެއްބާރުލުން އަޅުގަނޑު ފާހަގަ ކުރަން،" ނާޒިމް ވިދާޅުވި އެވެ.
އެއާޕޯޓް އެމްއޭސީއެލްއާ ހަވާލުކުރުމުގެ ރަސްމިއްޔާތު މިރޭ 11:55 ގައި އެއާޕޯޓްގެ ކޮއިމަލާ ވީއައިޕީ ލޯންޖް ގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ނާޒިމް ވިދާޅުވީ އެ ރަސްމިއްޔާތުގައި ޖީއެމްއާރާއި އެމްއޭސީއެލްއާ ދެެމެދު އެއާޕޯޓް ޓްރާންސްފާ ކުރި ކަމުގެ ލިއެކިއުންތައް ބަދަލުކުރުން އޮންނާނެ ކަމަށެވެ. އެ ރަސްމިއްޔާތަށް މީޑިއާއަށްވެސް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.