އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ޖީއެމްއާރުގެ އަތުން ނަގައިފިނަ އެ ކުންފުނިން އެ ޕްރޮޖެކްޓަށް ނެގި ލޯނު، އަބުރާ ނުލިބި ގެއްލުންތަކެއް ލިބިދާނެތީ އެކަން ހުއްޓުވުމަށް އިންޑިއާގެ އެކްސިސް ބޭންކުން ސިންގަޕޫރުގެ ކޯޓުގައި އަމުރަކަށް އެދުމުން އެ އަމުރު ނެރެދެވެން ނެތް ކަމަށް އެ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެކްސިސްބޭންކުން އަމުރެއް ނެރެދިނުމަށް އެދުނީ ދިވެހި ސަރުކާރުންވެސް ގެރެންޓީ ދީގެން ޖީއެމްއާރުން އެއާޕޯޓް ޑިވަލޮޕްކުރުމަށް އެ ބޭންކުން ނަގާފައިވާ 350 މިލިއަން ޑޮލަރު (5.4 ބިލިއަން ރުފިޔާ) ނުލިބިދާނެ ކަމުގެ ބިރު އޮތުމާއި ދިވެހި ސަރުކާރުގައި އެ ލޯނުދެއްކޭނެ ކެޕޭސިޓީނެތް ކަމަށްބުނެ އެވެ.

ޖީއެމްއާރު މައްސަލައިގައި ކެބިނެޓުން އެކުލަވާލި ރިޕޯޓްގައިވެސް ބުނެފައިވާ ގޮތުން ޖީއެމްއާރުން ނަގާ ލޯނު ގެރެންޓާ އެއްގެ ގޮތުގައި ސަރުކާރުން އެއްބަސްވެފައިވާ ކަމަށާއި ނަމަވެސް އެ އެއްބަސްވުމުގެ ދަށުން ޖީއެމްއާރުން ނެގި ލޯނުގެ އަދަދެއް އަދި އެ ފައިސާ ބޭނުން ކުރެވުނު ގޮތްވެސް އެނގެން ނެތް ކަމަށެވެ. އޭގެ ސަބަބުން އެކަމުގައި ދައުލަތުން ޒިންމާވާން ޖެހޭ މިންވަރެއްވެސް އަދި ދައުލަތަށް ލިބޭނެ ގެއްލުމެއްވެސް އަންދާޒާ ކުރެވިފައި ނެތް ކަމަށެވެ. އަދި އެ ތަފްސީލްތައް ނޭންގި ލޯނުގެ ގެރެންޓާއެއްގެ ގޮތުގައި ސަރުކާރުން އެއްބަސްވާން ނުޖެހޭ ކަމަށްވެސް ރިޕޯޓްގައިވެ އެވެ.

ނަމަވެސް އެ އަމުރު މިއަދު ކޯޓުން ނެރެދީފައި ނުވަނީ ޖީއެމްއާރުން މީގެ ކުރިންވެސް އެފަދަ މައްސަލައެއް ހުށަހަޅައި އެކަމުގައި ސިންގަޕޫރުގެ ކޯޓް އޮފް އެޕީލްއިން އެ މައްސަލަ ނިންމާފައިވާތީ އެވެ. ސިންގަޕޫރުގެ އެންމެ މަތީ ކޯޓުން އިއްޔެ ހުކުމްކޮށްފައިވަނީ ދިވެހި ދައުލަތަކީ މިނިވަން ދައުލަތެއްކަމަށް ވުމުން ދައުލަތުން ކޮށްފައިވާ މުއާމަލާތެއް ރޫޅާލުމުގެ ބާރާއި އެއާޕޯޓް އަބުރާ ނެގުމުގެ އިހުތިޔާރާއި ބާރު ދިވެހި ސަރުކާރަށް ލިބިގެންވާ ކަމަށެވެ.

ސަރުކާރާއި އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން މިހާރު އަންނަނީ އެއާޕޯޓާ ހަވާލުވުމަށް ކުރަން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެއާޕޯޓް ހަވާލުކުރުމަށް ޖީއެމްއާރަށް ދިން މުއްދަތު މިރޭ 12:00 ޖަހާއިރަށް ހަމަވާނެ އެވެ. ސަރުކާރާއި އެއްކޮޅަށް ސިންގަޕޫރުގެ ކޯޓުތަކުން މައްސަލަ ނިމިފައިވާއިރު އެގްރިމަންޓް ބާތިލްކުރި މައްސަލަ ސަރުކާރުން އިސްވެ އޮވެ ވަނީ ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހަޅައިފަ އެވެ.

ސަރުކާރުން ބުނެފައިވަނީ އާބިޓްރޭޝަނުން މައްސަލަ ނިމޭގޮތުން ބަދަލެއް ދޭންޖެއްހިޖެ ނަމަ އެ ފައިސާ ދިނުމަށް ތައްޔާރަށް އޮތް ކަމަށެވެ.