ދީޕިކާ ޕަޑުކޯން އަމިއްލައަށް ނުރައްކާތެރި ސްޓަންޓެއް ހަދައިފިއެވެ. ފިލްމުތަކުގައި ސްޓަންޓް ހަދަނީ އެކަމަށް ހާއްސަ ފަރާތްތަކުން ކަމުގައި ވިޔަސް ދެން އެންމެ އަވަހަށް ރިލީޒްވާނެ ކަމަށް ބެލެވޭ ދީޕިކާގެ ފިލްމުގައި ހަދާން ޖެހުނު ނުރައްކާތެރި ސްޓަންޓް ހަދައިފައި ވަނީ ދީޕިކާ އަމިއްލައަށެވެ.

ފިލްމުގެ ޑައިރެކްޓަރ އައްބާސް މަސްތާން ވަނީ ސްޓަންޓް އަމިއްލައަށް ނެހެދުމަށް ދީޕިކާއަށް ނަސޭހަތްތެރިވެފައެވެ. އެހެން ނަމަވެސް އެ ސްޓަންޓް ހަދާން ދީޕިކާގެ ޝައުގުވެރިކަން ހުރިލެއް ބޮޑުކަމުން ޑައިރެކްޓަރު ވަނީ އެ މަންޒަރު އަމިއްލައަށް ކުޅުމުގެ ހުއްދަ ދީޕިކާއަށް ދީފައެވެ.

މި މަންޒަރުގައި ދީޕިކާއަށް ޖެހެނީ ކާރުގެ އެއް ދޮރު ހުޅުވައިގެން ވަރަށް ކާރޫބާރޫ ބޮޑު މަގަކުން ވަރަށް ބާރަށް ދުއްވައިފައި ދާށެވެ. ފިލްމުގެ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ ވެސް ދީޕިކާއަށް މި ސްޓަންޓާ މެދު ނަސޭހަތްތެރިވިއެވެ. އައްބާސް މަސްތާން ފަދައިން ރަމޭޝް ތައުރާނީއަށް ވެސް ޖެހުނީ ދީޕިކާގެ ކުރިމަތީގައި ހަތިޔާރު ބަހައްޓާށެވެ.

މި މަންޒަރު ރަނގަޅަށް ނެގުމަށް ޓަކައި، އުމުރުން 26 އަހަރުގެ ދީޕިކާ ވަނީ 18 ގަޑިއިރުގެ ތަމްރީނެއް ހަދައިފަ އެވެ.