07 Dec 2012, 13:02
އިބުރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ޖީއެމްއާރު އަތުން އަނބުރާ ނެގުމުގެ މައްސަލައިގާ ސިންގަޕޫރުގެ ކޯޓުން ކުރި ހުކުމުގެ ސަބަބުން އެކަމުގައި ފުރިހަމަ ކުރަން ޖެހޭ ގާނޫނީ ކަންތައްތައް ފުރިހަމަ ކުރުމަށް ހުރަސް އެޅޭ ކަމަށް ނުދެކޭ ކަމަށާއި އެކަންތައްތައް ފުރިހަމަވާން ޖެހޭ ކަމަށް ގަބޫލުކުރާ ކަމަށް އިންޑިއާއިން ބުނެފި އެވެ.
ކޯޓްގެ ހުކުމާ ގުޅޭ ގޮތުން އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީގެ އޮފިޝަލް ސްޕޯކްސް ޕާސަން ސައީދު އަކުބަރުއްދީން ވިދާޅުވީ އެހުކުމް ދެނެގަތުމަށް އެ މިނިސްޓްރީ އާއި ރާއްޖޭގައި ހުރި އިންޑިއާ ހައިކޮމިޝަނުގެ ވަކީލުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސިންގަޕޫރު ކޯޓްގެ ހުކުމުގައި ދެ ނުގުތާއެއް ވާކަމަށާއި އެއީ މިނިވަން ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ލިބިގެންވާ ހައްގާއި އެއްބަސްވުމުގެ ގާނޫނީ ހައިސިއްޔަތު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެގޮތުން ޖީއެމްއާރާއި އަދި އަނެއް ބައިވެރިއާ ބައިވެރިވާ މެލޭޝިއާގެ ކުންފުންޏަށް ބަދަލު ދޭން ޖެހޭ ގޮތަށް އޮތް އެއްބަސްވުމުގެ ގާނޫނީ ހައިސިއްޔަތު އެހުކުމުގެ ސަބަބުން ނުގެއްލޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިމައްސަލަ ތަކަށް ހުކުމުގެ ސަބަބުން އަސަރެއް ނުކުރާނެ، އެހެން ވީމާ އަހަރެމެން މިމައްސަލައިގާ ދެކެން ބޭނުން ވަނީ މިފަދަ އެންމެހާ ގާނޫނީ ކަންތައްތައް ފުރިހަމަ ކޮށްގެން އެ މައްސަލަ ނިންމާތަން،" އަކުބަރު ވިދާޅުވި އެވެ.
އިންޑިއާ ސަރުކާރުން އެގޮތަށް ބުނީއިރު ސިންގަޕޫރުގެ އެންމެ މަތީ ކޯޓު، ކޯޓް އޮފް އެޕީލްއިން އިއްޔެ ކުރި ހުކުމުގައި ބުނުފައިވަނީ އެގްރިމަންޓް ބާތިލްކޮށް އެއާޕޯޓް ނެގުމުގެ ހައްގު ދިވެހި ސަރުކާރަށް ލިބިގެންވާ ކަމަށެވެ. އެ ހުކުމާއި ގުޅިގެން އެއާޕޯޓް އެމްއޭސީއެލްއާ ހަވާލުކުރުމަށް ޖީއެމްއާރުން އެއްބަސްވެފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލުން އިއްޔެވަނީ ވިދާޅުވެފަ އެވެ.
ކޮންޓްރެކްޓް ބާތިލްކުރުމާ އެކު ދިވެހި ސަރުކާރުން މިހާރު ވަނީ އެ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް ވައްދައިފަ އެވެ. އާބިޓްރޭޝަނުން ނިންމާ ގޮތަކުން ބަދަލެއް ދޭން ޖެހޭނަމަ އެ ބަދަލެއް ޖީއެމްއާރަށް ދޭނެ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.
އެއާޕޯޓް ހަވާލުކުރަން ޖީއެމްއާރަށް ދީފައިވާ މުހުލަތު ހަމަވާނީ މިރޭ 12:00 ޖަހާއިރަށެވެ. ސަރުކާރުން ބުނެފައިވަނީ ހޮނިހިރު ދުވަހުން ފެށިގެން އެއާޕޯޓް ހިންގާނީ އެމްއޭސީއެލްއިން ކަމަށެވެ.