މިނިސްޓަރުންގެ އިތުބާރު ނެތްކަމުގެ ވޯޓުތައް އެމްޑީޕީން މަޖިލީހަށް ވައްދަނީ މި ސަރުކާރު ބަލިކަށި ކޮއްލުމަށް ކަމަށާއި އެއީ އެމްޑީޕީއަށް ކުރެވޭނެ ކަމެއް ނޫންކަަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ވައްދާފައިވާ މިދަނޑިވަޅުގައި ސަން އަށް ރޭ ދެއްވި އިންޓަވިއުއެއްގައި ނާޒިމް ވިދާޅުވީ ސަރުކާރު ބަލިކަށި ކޮށްލުމަށް މިނިސްޓަރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތައް މަޖިލީހަށް ވެއްދިކަމަށް ވިޔަސް ސަރުކާރު ބަލިކަށި ވެގެން ނުދާނެ ކަމަށާއި ސަރުކާރު ކޯލިޝަންގައި އޮތީ ވަރަށް ބަދަހި ގުޅުމެެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެކަހަލަ ވޯޓުތައް ނަގަނީ މި ސަރުކާރު ބަލިކަށި ކޮށްލުމަށްޓަކައި. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެފަދަ ކަންކަން ކުރެއްވުމަކުން މި ސަރުކާރު ބަލިކަށި ވެގެންދާނެ ކަމަކަށް. މިވަގުތު މިއޮތް ސަރުކާރު މިއޮތީ ވަރަށް ބަދަހިކޮށް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ. މިކޯލިޝަންގެ ތެރޭގައި ވަރަށް ބަދަހި ގުޅުމެއް އެބައޮތް. އެހެންވީމަ އަޅުގަނޑު ދަންނަވާނީ އެބޭފުޅުން ކުރައްވަން ބޭނުންފުޅުވާ ކަންކަން ވެގެނެއް ނުދާނޭ. އެއަށް ވުރެ މާރަނގަޅަށް މިސަރުކާރުގެ މަސައްކަތްތައް ދަނީ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަންޖެހޭ ފަދަކަމެއް އޭނާ ކޮށްފައި ނޯންނާނެ ކަމަށާއި އޭނާ މިނިސްޓަރު ކަމަށް ގެނެސްފައި ވަނީ ސަރުކާރު ކޯލިޝަންގެ ހުރިހާ ޕާޓުނަރުންގެ އިއްތިފާގުން ކަމަށެވެ. އަދި އެމްޑީޕީން ހުށަހަޅާފައި އޮތް އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓު ނަގާއިރު ސަރުކާރު ކޯލިޝަނުން އޭނާ ދިފާއު ކުރެއްވުމަށް މަސައްކަތް ކޮށްދެެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަންކަމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނަވައި ދެ ވުޒާރާގެ މަސައްކަތްތައް މަސްހުނިކުރައްވައި، ސަރުކާރު ޝާމިލްވާ މަދަނީ މުއާމަލާތްތައް ޝަރީއަތުން ބޭރުގައި ރޫޅާލުމަށް އޭނާ އަސްކަރީ ނުފޫޒުފޯރުވާފައިވާކަމަށް އެމްޑީޕީން ދައްކަމުން ގެންދާ ވާހަކަތައް ނާޒިމް ވަނީ ދޮގު ކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލައެއް އެމްޑީޕީން މަޖިލީހަށް ވެއްދިއަސް ސަރުކާރުގައި އޭނާ ކުރައްވާ މަސައްކަތަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށެވެ. އަދި ވިދާޅުވީ ވަޒީރެއްގެ ހައިސިއްޔަތުން މިހާރު ވެސް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ކުރުމުގައި އެއްވެސް ފަސްޖެހުމެއް ނެތި ސާބިތުކަމާ އެކު އަބަދުވެސް އޭނާ ހުންނަވާނެ ކަމަށެވެ.