06 Dec 2012, 22:39
ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ އިތުބާރުނެތް ކަމުގެ މައްސަލައެއް އެމްޑީޕީން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އެމްޑީޕީން މިއަދު ރައްޔިތުންގެ މަޖިލީހަށް ވެއްދި ޑިފެންސް މިނިސްޓަރު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުވެ އެ ދެ ވުޒާރާގެ މަސައްކަތްތަކުގެ އަސާސީ ސިފަތައް މަސްހުނިކުރައްވާފައިވާ ކަމަށާއި އަދި ސަރުކާރު ބައިވެރިވާ މަދަނީ މުއާމަލާތްތައް ޝަރީއަތުން ބޭރުގައި ރޫޅާލުމަށް އަސްކަރީ ނުފޫޒުފޯރުވާފައިވާ ކަމަށެވެ.
"ނާޒިމްގެ އަމަލުގެ ސަބަބުން ދިވެހި ދައުލަތަކީ މަދަނީ މުއާމަލާތްތައް ޝަރީއަތުން ބޭރުގައި، ގަދަބާރުން ރޫޅާލާ ޤައުމެއްގެ ގޮތުގައި އަދި ޤާނޫނުގެ ވެރިކަން ބަލިކަށިވެފައިވާ ޤައުމެއްގެ ގޮތުގައި ދުނިޔެއަށް ފެނި، ދިވެހިރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމުގައި އެހީތެރިވި، އަދި ދިވެހިރާއްޖެއާއެކު ޒަމާންވީ، ބަދަހި ގުޅުމެއް ބާއްވައި އެކި ރޮނގުރޮނގުން ބޮޑެތި އެހީތައް ވެފައިވާ އަދި މިހާރުވެސް ވަމުންދާ އެކުވެރި ދައުލަތްތަކާ ގުޅުން ހީނަރުވެފައިވެ އެވެ،" އެމްޑީޕީން ހުށަހެޅި މައްސަލައިގައިވެ އެވެ.
އަދި ބުނީ ކޯޓުން ސަރުކާރުގެ މައްޗަށް ކުރި އަމުރަކާ އެއްގޮތަށް އަމަލުނުކުރާނެކަމަށް އިއުލާންކޮށް މިލިޓަރީ ދައުލަތެއްގެ ސިފަ ނާޒިމް ދައްކަވާފައިވާ ކަމަށެވެ. ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރާއްޖޭގައި ތިބޭ ޑިޕްލޮމެޓުންނާއި އާންމު ފަރާތްތަކުގެ ފޯނުކޯލްތައް އަޑުއަހާ އަދި ޒާތީ ދިރިއުޅުމަށް ވަދެ އެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށްވެސް ނާޒިމްގެ މައްޗަށް ހުށަހެޅި އިތުބާރުނެތް ކަމުގެ މައްސަލައިގައިވެ އެވެ.
އެމްޑީޕީން ނާޒިމްގެ މައްސަލަ މަޖިލީހަށް ބަލައިގަތްކަންވެސް ނުވަތަ ނޫންކަމެއްވެސް ނޭންގެ އެވެ. އެމްޑީޕީން މީގެ ކުރިން ވަނީ ހޯމް މިނިސްޓަރު ޖަމީލުގެ އިތުރުބާރު ނެތްކަމުގެ މައްސަލައެއްވެސް ހުށައަޅާފަ އެވެ. ނަމަވެސް އެންމެ ފަހު ވަގުތު ވަނީ އެމައްސަލަ ނަގާފަ އެވެ. މަޖިލީހުން މިހާރު ފާސްކޮށްފައިވަނީ މަޖިލީހުގައި ނަގާ އިތުބާރު ނެތްކަމުގެ މައްސަލަތައް ސިއްރުކުރާށެވެ.