06 Dec 2012, 19:57
އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކާ އެކު ބަދު އަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުންނެވި، އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) މިރޭ ހައްޔަރުކޮށްފި އެވެ.
އޭނާ ހައްޔަރު ކޮށްފައި ވަނީ ގަލޮޅު ދަނޑުކަރިން އޮލިމްޕަސް ކުރިމަތީ އޮންނަ ގޯޅިތެރޭގައި ހުންނަ ގ. މާވަސްއިން އެވެ. އިބްރާހިމް ރަޝީދު އާއި 17 އަހަރުގެ އަންހެންކުއްޖާ މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ ހަސަން ހަނީފް ސަން އޮންލައިންއަށް މިރޭ ވިދާޅުވީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިރޭ 7:30 އެހާކަންހާއިރު ހިންގި އޮޕަރޭޝަނެއްގައި ހޯރަ އިއްބެ އާއި 17 އަހަރުގެ އަންހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެ ދެ މީހުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ބަދު އަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ކަމަށެވެ.
"އަޅުގަނޑުމެން މިރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އިބްރާހިމް ރަޝީދު ކިޔާ މީހަކު ވަނީ ހައްޔަރު ކޮށްފައި. އަދި އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކުވެސް ވަނީ އޭނަ އާ އެކު ހައްޔަރު ކޮށްފައި،" ހަނީފް ވިދާޅުވި އެވެ.
މާލެތެރެ އަމާން ތަނަކަށް ހެދުމަށް ފުލުން މިހާރު ހިންގާ ޚާއްސަ އޮޕަރޭޝަންގައި ބަދުއަހުލާގީ ގިނަ ކޭސް ތަކެއްވަނީ އަތުލާފަ އެވެ. ފުލުހުން އެންމެ ފަހުން ބޭއްވި ނިއުސް ކޮންފަރެންސަގައި ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވީ ފުލުހުން ހިންގާ ތަހުގީގުތަކާއި އޮޕަރޭޝަނންތަކުގައި ހައްޔަރު ކުރަން ޖެހޭ މީހަކު ކޮންމެ މަގާމެއްގައި ހުއްޓަސް ހައްޔަރުކުރަން ފަސް ނުޖެހޭނެ ކަމަށެވެ.