އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ އެއާޕޯޓް ހަވާލުކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތުގެ ތެރެއަށް ސިޔާސީ އެއްވެސް ނުފޫޒެއް ނުފޯރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު އެދިވަޑައިގެންފި އެވެ.

ރައީސް ވަހީދު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އެމްއޭސީއެލްއާ އެއާޕޯޓް ހަވާލުކުރުމަށް ކުރެވޭ މަސައްކަތްތައް ސުލްހަވެރިކަމާ އެކު ކުރިއަށް ދިޔުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތްކަމަށާއި އެކަމުގައި ހަމަނުޖެހުމެއް ހިނގުމަށް އެއްވެސް ފަރާތަކުން އެކަމުގައި ޖާގައެއް ދީގެން ނުވާނޭ ކަމަށެވެ.

"އެއާޕޯޓް ޙަވާލުކުރުމަށް ޖީއެމްއާރަށް ދެވިފައިވާ މުއްދަތު ހަމަވާއިރު، ޖީއެމްއާރުން އެ އެއާޕޯޓް، އެމްއޭސީއެލްއާ ހަވާލުކުރުމުގެ އެންމެހާ ކަންތައްތައް ސުލްހަވެރިކަމާއެކު ދިޔުމަކީ، އަޅުގަނޑުގެ ވަރަށްބޮޑު އެދުމެކެވެ. އަދި އެއްވެސް ފަރާތަކުން މިކަމުގެ ތެރެއަށް ސިޔާސީ ނުފޫޒު ނުވައްދަވައި، ހަމަނުޖެހުމެއް ހިނގިޔަނުދީ، އޮމާންކަމާއެކު މިކަން ނިމިގެން ދިޔުމުގައި އެއްބާރުލުން ދެއްވުމަށް ހުރިހާ ފަރާތްތަކަކަށް އިލްތިމާސް ކުރަމެވެ،" ބަޔާނުގައިވެ އެވެ.

ޖީއެމްއާރުގެ ކޮންޓްރެކްޓަކީ ވިޔަފާރީގެ އެއްބަސްވުމެއްކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވެފައިވަނީ ޖީއެމްއާރު އެގްރިމަންޓްގެ ސަބަބުން އިންޑިއާޔާ ރާއްޖެއާ ދެމެދު އޮންނަ ގާތްގުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ޔަގީން ކުރައްވާ ކަމަށާއި އެއާޕޯޓްގެ ވަޒީފާގައި ތިބި އިންޑިއާގެ މުވައްޒަފުންނާއި އަދި ރާއްޖޭގައި ދިރިއުޅެމުންދާ އިންޑިއާގެ މުވައްޒަފުންނަށް ރައްކާތެރިކަން ލިބޭނެ ކަމަށެވެ.

"އެއާޕޯޓްގައި ވަޒީފާ އަދާކުރައްވާ އިންޑިއާގެ ރައްޔިތުންނާއި އަދި ރާއްޖޭގައި އެކިވަޒީފާތަކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ އިންޑިއާގެ ހުރިހާ ރައްޔިތުންނަށް ފުރިހަމަ ރައްކާތެރިކަމާއެކު، މި ޤައުމުގައި ދިރިއުޅުއްވޭނެކަމުގެ ޔަޤީންކަންވެސް، މި ފުރުޞަތުގައި އެރައްޔިތުންނަށާއި، އިންޑިއާ ސަރުކާރަށް އަރުވަމެވެ،" ބަޔާނުގައިވެ އެވެ.

އަދިވެސް ރައީސް ވިދާޅުވެފައިވަނީ އެއްބަސްވުން ރޫޅާލުމުގެ ސަބަބުން އެއާޕޯޓްގެ އެއްވެސް މުވައްޒަފެއްގެ ވަޒީފާއަށް އެއްވެސް ބުރުލެއްނާރާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

ވޭތުވެދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި ޖީއެމްއާރު މައްސަލައިގައި ދިވެހި ސަރުކާރުން ނަންގަވަމުން ގެންދެވި ފިޔަވަޅުތަކުގައި ދިވެހި ރައްޔިތުން ދެއްވި އެއްބާރުލެއްވުމަށް ރައީސް ވަނީ ޝުކުރުއަދާކުރައްވައިފަ އެވެ.

ރައީސް ބަޔާނެއް ނެރުއްވީއިރު ޖީއެމްއާރުން މިހާރު ނިންމާފައިވަނީ އެމްއޭސީއެލްއާ އެއާޕޯޓް ހަވާލުކުރުމަށެވެ. އެ ކުންފުނިން އެގޮތަށް އެއްބަސްވީ އެއްބަސްވުން ބާތިލް ކުރެވިދާނޭ ކަމަށް ސިންގަޕޫރުގެ ކޯޓް އޮފް އެޕީލްއިން ނިންމުމާ ގުޅިގެންނެވެ.