06 Dec 2012, 17:00
އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ އެއާޕޯޓް ހަވާލުކުރުމުގެ ކަންތަކުގައި ޖީއެމްއާރުން އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓާ، މުހަންމަދު އިބްރާހިމް މިއަދު ސަން އޮންލައިންއަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ އެއާޕޯޓް ހަވާލުކުރަން ޖީއެމްއާރަށް ދީފައިވާ ހަތް ދުވަހުގެ މުއްދަތު މާދަމާ ރޭ 12:00 ޖަހާއިރު ހަމަވާތީ އެ ކުންފުނިން އެއާޕޯޓާއި ހަވާލުވުމަށް ކުރަން ޖެހޭ އެންމެ ފަހުގެ ކަންތައްތައް ކުރަމުން އަންނަ ކަމަށާއި އެ ކުންފުނި އޮތީ އެއާޕޯޓާ ހަވާލުވުމަށް ތައްޔާރަށް ކަމަށެވެ. އަދި ޖީއެމްއާރުންވެސް މިހާރު ނިންމާފައިވަނީ އެ މަސައްކަތުގައި އެއްބާރުލުން ދޭން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖީއެމްއާރާއެކުވެސް އަޅުގަނޑަށް ވަނީ މަސައްކަތް ކުރެވިފައި. އަޅުގަނޑަށް ޔަގީން އެބޭފުޅުން އަޅުގަނޑުމެންނަށް އެއާޕޯޓް ހަވާލުކުރުމުގެ ކަންތައްތަކުގައި އެއްބާރުލުން ދޭނެ ކަމަށް. އެ ޔަގީންކަން ވަނީ މިހާރު ލިބިފައި،" މުހަންމަދު އިބްރާހިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއާޕޯޓާ ހަވާލުވިޔަސް އެއާޕޯޓްގެ އެއްވެސް އޮޕަރޭޝަނަކަށް އަދި ހިދުމަތަކަށްވެސް ބުރުލެއް ނާރާނެ ކަމަށެވެ. އަދި އެމްއޭސީއެލްގެ މަސައްކަތްކުރަން އިއުތިރާޒް ނުކުރާ ކޮންމެ މުވައްޒަފަކު އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް މުވައްޒަފެއްގެ މުސާރަވެސް އަދި މަގާމުވެސް ދަށް ނުވާނެ ކަމަށާއި ކުރިން ކުރިން ލިބެމުން އައި އިނާޔަތްތައްވެސް ލިބެމުން އަންނާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އެކްސްޕަޓީޒްވެސް އެބަހުރި. އަޅުގަނޑުމެންނަށް އެއާޕޯޓް ހިންގޭނެ. ކުރިންވެސް ގެންގުޅުނީ ހަމަ އަޅުގަނޑުމެންގެ މުވައްޒަފުން. މިއަދު އަޅުގަނޑުމެން އެއާލައިންތަކަށްވެސް ދަންނަވާފައި ވާނީ އެއްވެސް މައްސަލައެއް ނުޖެހޭނޭ،" މުހަންމަދު އިބްރާހިމް ވިދާޅުވި އެވެ.
އެކްޓިން ޓްރާންސްޕޯޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ޑިފެންސް މިނިސްޓަރު މުހަންމަދު ނާޒިމްވެސް މިއަދު ސަން އޮންލައިންއަށް ވިދާޅުވީ މިހާރު ރާއްޖެ ޒިޔާރަތް ކުރައްވަމުން ގެންދަވައި ޖީއެމްއާރުގެ އިސްދެބޭފުޅަކާއި މިއަދު ބައްދަލުކުރެއްވި ކަމަށާއި އެ ބައްދަލުވުމުގައި އެއާޕޯޓް ހަވާލުކުރުމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.
"އެބޭފުޅުން އެކަމުގައި އެއްބާރުލުން ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައި. އެޔަގީންކަން ވަނީ ލިބިފައި،" ނާޒިމް ވިދާޅުވި އެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވި އެވެ.
އެކަމާ ގުޅޭ ގޮތުން ޖީއެމްއާރުގެ ކޮމެންޓެއް ހޯދުމަށް އެއާޕޯޓްގެ ސީއީއޯ އެންޑްރޫ ހެރިސަންއާ ގުޅުމުން އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ އަދި ލިބޭގޮތްނުވެފަ އެވެ.
މީގެ ކުރިން ޖީއެމްއާރުން ވަނީ އެއާޕޯޓުން ފޭބުމަށް ދިން ނޯޓިސްއާ އެއްގޮތަށް އަމަލުނުކުރާނެ ކަމަށް ބުނެ އެ މައްސަލަ ސިންގަޕޫރުގެ ހައިކޯޓަށް ވައްދައިފަ އެވެ. ސިންގަޕޫރުގެ ހައިކޯޓުން ޖީއެމްއާރާ އެއްކޮޅަށް އަމުރެއް ނެރެދިން ނަމަވެސް އެ އަމުރު ދިވެހި ސަރުކާރުން ސިންގަޕޫރުގެ އެންމެ މަތީ ކޯޓު، ކޯޓް އޮފް އެޕީލްގައި އިސްތިއުނާފުކުރުމުން މިއަދު އެ މައްސަލައިގައި އެ ކޯޓުން ހުކުމް ކުރީ އެއްބަސްވުން ބާތިލް ކުރުމުގެ ބާރު ސަރުކާރަށް ލިބިގެންވާ ކަމަށެވެ.
އިންޑިއާ ސަރުކާރުންވެސް މީގެ ކުރިން ބުނެފައިވަނީ އެ މައްސަލައިގައި އަމަލުކުރަން ޖެހޭނީ ގާނޫނާއި އެއްބަސްވުމުގެ ތެރެއިން ކަމަށާއި އޭގެ ބޭރުން އެކަން ކުރާނަމަ ރާއްޖެއާއި އިންޑިއާޔާ ދެމެދު އޮންނަ ގުޅުމަށް ބުރޫ އަރާނެ ކަމަށެވެ. އަދި ޖީއެމްއާރުންވެސް ބުނެފައިވަނީ އެކަމުގައި ގާނޫނީ ހައްލުތަކެއް ހޯދުމަށް އެ ކުންފުނި އޮތީ ތައްޔާރަށް ކަމަށެވެ.
ސަރުކާރުން ވަނީ ޖީއެމްއާރު ކޮންޓްރެކްޓް ބާތިލް ކުރުމާއި އެކު އެ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހަޅައިފަ އެވެ. ސަރުކާރުން ބުނެފައިވަނީ އާބިޓްރޭޝަންއިން މައްސަލަ ނިމޭގޮތުން ޖީއެމްއާރަށްދޭން ބަދަލުގައި ދޭންޖެހުނު ފައިސާއެއްދޭން ތައްޔާރަށް އޮތް ކަމަށެވެ.