ހުރިހާ ވެރިން ވެސް ބޭނުން ވަނީ ވީހާ ވެސް ގިނަ ކަންތައްތަކެއް ރައްޔިތުންނަށް ކޮށްދޭން ކަމަށާއި ރައްޔިތުންނަށް ކަންތައްތަކެއްކޮށް ދިނުމަށް ކަންތައްތަކެއް ހިމަނައިގެން ބަޖެޓް މަޖިލީހަށް ފޮނުވަނީ "ވާން ނެތް ކަމެއް، ވޭތޯ ބެލުމަށް" ކަމަށް ބަޖެޓް ދިރާސާ ކުރައްވާ ކޮމެޓީގެ މުގައްރިރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވޭތުވެދި ދެ އަހަރުގެ ވެސް، ބަޖެޓު ދިރާސާ ކުރި ކޮމެޓީގެ މުގައްރިރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވީ ކޮންމެ ސަރުކާރަކުން ވެސް ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދިނުމަށް ބަޖެޓެއް ހުށަހަޅާ ކަމަށާއި ނަމަވެސް "ހަގީގަތެއް ނެތް ލިޔުންތަކެއް އަބަދާ އަބަދު" މަޖިލީހަށް ހުށަހެޅުމަކީ "އުންމީދީ ހިޔާލުތަކެއްގައި ރައްޔިތުން މަސްތުގައި ޖެއްސުމަށް" ކަމަށެވެ.

"އަޅުގަނޑަކަށް އިނގޭ ނެތް ލާރިއަކުން ކުރެވެނެ ކަމެއް ނެތް ކަން. ހުރިހާ ވެރިއަކު ވެސް ބޭނުންވޭ ވީހޭ ގިނަ ކަންތައްތަކެއްކޮށްދޭން... އެކަންތައްތައް އެ ދުވަހަކު ކުރަން އިން މީހެއްގެ ހައިސިއްޔަތުން އެބޭފުޅުން އެފޮނުވި ބަޖެޓާ ބެހޭ ގޮތުން ގްރިޓިސައިޒްކޮށްފަ ވާހަކަދައްކާކަން ނެތިން،" ބަޖެޓް ބަހުސްގެ މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވި އެވެ.

އަންނަ އަހަރު އާމްދަނީގެ ގޮތުގައި 12.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް މަޖިލީހަށް ފޮނުވާފައިވާ ބަޖެޓްގައި އަންދާޒާކޮށްފައި އޮތަސް، ދައުލަތަށް އާމްދަނީގެ ގޮތުގައި އަންނަ އަހަރު ލިބޭނީ 10 ބިލިއަން ރުފިޔާ ކަމަށް ގާސިމް ވިދާޅުވި އެވެ. އަލަށް ތައާރަފް ކުރާ ޓެކްސްތަކަކީ މަޖިލީހުން ފާސްވާނެ ކަމުގެ އުންމީދު ކުރެވޭ އެއްޗެހި ތަކެއް ކަމަށާއި އަނެއްކާ ވެސް ޓެކްސް ނެގުމުން ގައުމުގެ އިގްތިސާދަށް އަތުވެދާނެ ހީނަރުކަމާމެދު ވިސްނަންޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.

އިމްޕޯޓް ޑިއުޓީ ނެގުމާއި ޓީޖީއެސްޓީ ބޮޑު ކުރުމާއި ޑިޕާޗާ ޓެކްސް ބޮޑު ކުރުމުން ގައުމުގެ އިގްތިސާދަށް އަތުވެދާނެ އިމްޕެކްޓަކާމެދު ވަރަށް ސީރިއަސްކޮށް "މައިކްރޯ ލެވެލްގައި" އެ ކަންތައްތައް ބަލަން ޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަށައިގެން ހުރި ޓޫރިޒަމް ކުރިއަރަމުންދާ ގައުމުތަކުގެ މަންޒިލްތަކުގައި ކަންތައްތައް ހިނގަމުންދާ ގޮތާއި، އަޅުގަނޑުމެން މިގޮތައް އަގުބޮޑު ކުރަމުން އިތުރު ޓެކްސްތަކެއް ނެގުމުގެ ސަބަބުން ލިބިދާނެ ނަތީއްޖާ އާމެދު އަޅުގަނޑުމެން ހަނދާން ބަހައްޓަން އެބަޖެހޭ،" ޓޫރިޒަމް ދާއިރާއިން އިތުރަށް ޓެކްސް ނަގައިފިނަމަ ދިމާވެދާނެ ގޮންޖެހުމަކާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އިޝާރާތްކޮށް ގާސިމް ވިދާޅުވި އެވެ.

މުވާސަލާތީ ހިދުމަތްތަކުން އަންނަ އަހަރު ޓެކްސް ނެގުމުން ބަޖެޓްގައި ޖަހާފައިވާއިރު ގާސިމް ވިދާޅުވީ ތަރައްގީވަމުން އަންނަ ގައުމުތަކުގައި މުވާސަލާތީ ހިދުމަތަކީ އަސާސީ ހިދުމަތެއްގެ ގޮތުގައި ނުބަލައި ޓެކްސް ނަގަމުންދާ ކަމަށެވެ.

"އެހެންނަމަވެސް އަޅުގަނޑު މިދަންނަވަނީ [މުވާސަލާތީ ހިދުމަތުން] ޓެކްސް ނަގާށެކޭ ނޫން. އެކަން ނިންމަވާނީ މި އިއްޒަތްތެރި މަޖިލީހުން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އަލަށް ތައާރަފް ކުރާ ޓެކްސްތަކުން ދައުލަތަށް 1.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައި އޮތަސް ޔަގީން ކަމެއް ނެތް ކަންތައްތަކެއް ބަޖެޓްގައި ޖަހާފައިވާތީ މަޖިލީހުގެ ބަޖެޓް ކޮމެޓީގެ މެންބަރުން އެކަމާމެދު ގޮތެއް ނިންމެވުމަށް ގާސިމް އެދިވަޑައިގެންނެވި އެވެ.