ފެބްރުއަރީ އަށް ވަނަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާގެ މެންބަރު މުހައްމަދު ގަސަމާއި އިތުރު ދެ މީހަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ހުށަހެޅުނު މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ޑރ. އަބްދުﷲ ވަހީދު މިއަދު ވިދާޅުވީ ގަސަަމަށް އަނިޔާ ކުރިކަމަށް ހުށަހެޅުނު މައްސަލައިގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ) އާއި ހ. ޝަފީގުގޭ މުހައްމަދު ޝަފީގަށް އަނިޔާކުރި ކަމަށް ހުށަހެޅުނު މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައިވާކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލަތައް ޕީޖީ އަށް ފޮނުވީ މިހަފްތާގެ މެދުތެރޭގައި ކަމަށެެވެ.

އޭނާ ވިދާޅުވީ ފެބްރުއަރީ އަށް ވަނަ ދުވަހާ ގުޅޭ ޖުމްލަ ހަ މައްސަލައެއްގެ ތަހުގީގު ނިންމައި މިހާތަނަށް ޕީޖީއަށް ފޮނުވާފައި ވާކަމަށެވެ. އަދި ފެބްރުއަރީ އަށް ވަނަ ދުވަހާ ގުޅޭ 24 މައްސަލައެއް އެ ކޮމިޝަނުން ހުށަހެޅިފައިވާއިރު އޭގެ ތެރެއިން 12 މައްސަލަ ތަހުގީގުކޮށް ނިމިފައިވާއިރު މި މަސް ނިމުމުގެ ކުރިން އެ މައްސަލަތަށް ވެސް ޕީޖީ އަށް ފޮނުވޭވަރު ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުން އަނިޔާ ކުރިކަމަށް ހުށަހެޅުނު މައްސަލަތައް ތަހުގީގުކޮށް ފޮނުވިއިރު ވީޑިއޯ ފްޓޭޖްތަކާއި މަންޒަރު ދުށް ބައެއް މީހުން ތަހުގީގަށް ދިން ބަޔާންތައް ވެސް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ހުރިހާ މައްސަލަތަކުގައި މަންޒަރު ދުށް މީހުންގެ ހެކިބަސް ލިބިފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އަށް އަނިޔާ ކުރިކަމަށް ހުށަހެޅުނު މައްސަލަ ތަހުގީގު ކުރި އިރު އޭނާއަށް އަނިޔާ ކޮށްފައިވާކަން ތަހުގީގަށް ސާބިތުވާއިރު އަނިޔާ ކުރީ ކާކުކަން އެނގެން ނެތްކަމަށެވެ. އެހެންކަމުން އެ މައްސަލަ ޕީޖީއަށް ނުފޮނުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.