ފެބްރުއަރީ އަށެއްގެ ފަހުން ތަފާތު އެކި ސަބަބުތަކާ ހުރެ 39 ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބުދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ކޮމިޝަނަރު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފުލުހުންނާ ގުޅޭ ގޮތުން 207 ޝަކުވާ އެއް ފެބްރުއަރީ އަށެއްގެ ފަހުން ހުށަހަޅާފައިވާ ކަމަށާއި އޭގެ ފަހުން 39 ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.

ނަމަވެސް ވަޒީފާއިން ވަކިކޮށްފައިވަނީ ކޮން ސަބަބުތަކަކާހެދި ކަމެއް ރިޔާޒު ވިދާޅުވެފައެއްނުވެ އެވެ.

ރިޔާޒުގެ ޓްވީޓްގައި އަދި ވިދާޅުވީ ހަ ފުލުހެއްގެ މަގާމު ދަށްކޮށް، ހަ ފުލުހަކަށް ކައުންސިލިން ދީފައިވާ ކަމަށެވެ. އަދި ފަސް ފުލުހަކު ވަޒީފާ އަދާކުރަމުން ދިޔަތަން ނޫން އެހެން ތަނަކަށް ބަދަލުކޮށްފައިވާއިރު ދެ ފުލުހެއްގެ އަމަލުތައް ސްޕަވައިޒްކޮށްފައިވާ ކަމަށެވެ. އަދި 14 ފުލުހެއްގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގާފައިވާ ކަމަށްވެސް ރިޔާޒުވަނީ ވިދާޅުވެފަ އެވެ.

ފުލުހުން މީގެ ކުރިން ހާމަކުރިން ހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 33 ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވެ އެވެ.

ފުލުހުން ބުނެފައިވަނީ ބައެއް މައްސަލަތަކުގައި ފުލުހުންނަށް ނަސޭހަތްތެރިވެފައިވާނެ ކަމަށާއި ނަމަވެސް ހުރިހާ މައްސަލަތަކަކީ އިތުރަށް ނަސޭހަތްދޭން ނުޖެހޭ މައްސަލަތައް ކަމަށެވެ.

ފުލުހުންނާ ގުޅޭ ގޮތުން ހުށަހަޅާ ޝަކުވާތައް ބެލުމަށް ފުލުހުންގެ ތެރެއިން ވަނީ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑެއް އެކުލަވާލާފަ އެވެ. އަދި މިދިޔަ އޯގަސްޓް މަހާ ހަމައަށް 118 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ހަތަރު ޔުނިޓަކަށް ބަހާލާފައިވާ ޕްރެފެޝަނަލް ސްޓޭންޑަޑްގައި 20 ފުލުހަކު މަސައްކަތް ކުރެ އެވެ. އޭގެތެރޭ މާސްޓާސް ހަދާފައި ތިބި ފުލުހުންނާއި ޑިގްރީ އާއި އޭލެވެލް އާއި އޯލެވެލް ފެންވަރުގެ ފުލުހުން ހިމެނެ އެވެ.