ހުޅުމާލޭގައި ގާއިމް ކޮށްފައިވާ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ސައްހަ ކޯޓެއް ކަމަށް އިއްޔެ ސުޕްރީމް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރައީސް ނަޝީދުގެ ރަސްމީ ވެބްސައިޓް ގައި މިއަދު ލިޔުއްވާފައިވަނީ ސުޕްރިމް ކޯޓުގެ ބެންޗުގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އާދަމް މުހައްމަދު އަބްދުﷲ އިންނަވައިގެން އެ ކޮމިޝަނުން އެ ކޯޓަށް ހުށަހެޅި އެ މައްސަލައިގައި ހުޅުމާލެ ކޯޓަކީ ސައްހަ ކޯޓެއް ކަމަށް ސުޕްރީމް ކޯޓުގެ އަގްލަބިއްޔަތުން އެ ހުކުމް ކުރެއްވުމަކީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށެވެ.

"ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު އަބްދުﷲ އިންނެވި ބެންޗަކުން ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ކަމަށް ހުކުމް ކުރުމަކިީ އަޅުގަނޑު ވަރަށް ކަންބޮޑުވާ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

ހުޅުމާލޭ ކޯޓުގެ ގާނޫނީ ސައްހަ ކަމާ މެދު ސުވާލު އުފައްދައި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އިއްޔެ އެ ކޯޓުން ކުރި ހުކުމްގައި ބުނަނީ އާދަމް މުހައްމަދަކީ ޖޭއެސްސީގެ މެންބަރެއް ކަމަށް ވިޔަސް ޖޭއެސްސީން ނިންމާ ނިންމުންތައް ނިންމަނީ ހަމައެކަނި އާދަމް މުހައްމަދު ނޫން ކަމަށާއި އެ ކޮމިޝަނުގެ ނިންމުންތައް ނިންމަނީ ހުރިހާ މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށެވެ. އެހެންކަމުން އާދަމް މުހައްމަދު އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ކަނޑައެޅުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމީ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

ހުޅުމާލޭ ކޯޓުގެ ގާނޫނީ ސައްޚަ ކަމާ މެދު ސުވާލު އުފެދިފައިވާ މައްސަލަ ބެލުމަށް ފަހު ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނަނީ ހުޅުމާލެއަކީ އިދާރީ ގޮތުން މާލޭގެ ބައެއްކަމަށް ވިޔަސް، ހުޅުމާލެއަކީ މާލޭގެ ޖުޑީޝިއަލް ދާއިރާގައި ހިމެނޭ މީހުން ދިރިއުޅޭ ވަކިރަށެއް ކަމުގައި ވާތީ އާއި މާލޭގައި ގާއިމްވެފައިވާ ސްޕީރިއާ ކޯޓުތަކުގެ ބްރާންޗްތައް ކޯޓުތަކާ ބެހޭ ގާނޫނުގައި ބަޔާންވެފައިވާ ގޮތުގެ މަތިން ހުޅުމާލޭގައި ގާއިމްވެފައި ނުވާތީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ގާނޫނީ ގޮތުން ސައްހަ ކޯޓެއް ކަމަށެވެ.

ސުޕްރީމްކޯޓުގެ ހަތް ފަޑިޔާރުންގެ ތެރެއިން އެ ހުކުމަށް އިއްތިފާގުވި ފަޑިޔާރުންނަކީ އަބްދުﷲ ސައީދާއި އަލީ ހަމީދު މުހަންމަދާއި އާދަމް މުހަންމަދު އަބްދުﷲ އަދި ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.