އިންތިޚާބެއް ބާއްވަން ނިންމުމުގެ ކުރިން އިންތިހާބީ ގޮނޑިއެއް ޝަރުއީ އަދި ގާނޫނީގޮތުން ހުސްވެއްޖެ ކަން ނުވަތަ ނޫންކަން ކަށަވަރު ކުރުމަކީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މަސްއޫލިއްޔަތެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ކަނޑައަޅާފައި ވަނީ ބ. ތުޅާދޫ ކައުންސިލްގެ މެމްބަރު އުމެއިރާ އަބޫބަކުރު ކައުންސިލަރު ކަމުން ވަކިއްޖެކަމަށް ކަނޑައަޅައި ބާއްވަން އުޅުނު ބައި އިލެކްޝަން ހައި ކޯޓުން ބާތިލްކުރުމުން އެ މައްސަލަ އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރި މައްސަލަ ބެލުމަށް ފަހު ކުރި ހުކުމްގަ އެވެ.

ސުޕްރީމް ކޯޓުން ހޯމަ ދުވަހު ކުރި ހުކުމްގައި ބުނަނީ ޚާއްސަކޮށް ގޮނޑިއެއް ހުސްވެފައިވާ ކަމަށް ދެބަސްވުން އުފެދިފައިވާ ނަމަ އެކަން ބަލާ އެކަމުގައި ގާނޫނާ ޚިލާފު ކަމެއް ހިނގާފައިވޭތޯ ކަށަވަރުކުރުމަކީ ވެސް އިލެކްޝަންސް ކޮމިޝަނުން ކުރަން ޖެހޭނެ ކަމެއްކަމަށެވެ. އަދި ކައުންސިރަލުކަމުން އުމެއިރާ ވަކިކޮށްފައިވާ ކަމަށް ބުނެ ތުޅާދޫ ކައުންސިލުން ފާސްކުރި ގަރާރަށް އޭނާ ދެކޮޅު ހައްދަވައި އެކަން ބަލައިދިނުމަށް އޭނާގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

މީގެއިތުރުން ތުޅާދޫ ކައުންސިލްގެ ބައި އިލެކްޝަން ބާއްވަން ދެވަނަ ފަހަރަށް އިއުލާންކުރީ އިލެކްޝަންސް ކޮމިޝަނުން ކަށަވަރުކުރަން ޖެހޭ ކަންތައްތައް ކަށަވަރުކޮށްފައި ނޫނީ އިންތިޚާބު ބާއްވައިގެން ނުވާނެ ކަމަށް ހައި ކޯޓުން ހުކުމްކޮށްފައި ވަނިކޮށް ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައި ވެއެވެ.