23 Sep 2010, 09:45
އެސްޓީއޯގެ 1600 ގަނޑު ޓިނު ހިފައިގެން ތިލަފުށިން މާލެ އައި ދޯންޏެއް އާހަބަރު ސަރަހައްދަށް ބަންޑުން ޖަހައިލައިފި އެވެ.
ޓިނު ހިފައިގެން މެންދުރު ދޭއް ޖަހާކަންހާއިރު މާލެ ވަންނަން އައި "ހައްދުންމަތި" ދޯނި ބަންޑުން ޖެހީ އާ ހާބަރުން މާލެ ވަންނަން އުޅެނިކޮށް ބާރު ސްޕީޑުގައި ލޯންޗެއް ހުރަސްކުރުމުގެ ތެރޭގައި އުފެދުނު ބާނީގެ ސަބަބުން ކަމަށް ދޯނީގެ ވެރިފަރާތުން ބުންޏެވެ.
މަޑިފުށީ ބަޔަކު އޮޕަރޭޓްކުރާ މި ދޯނި ޓީ ޖެޓީއާ ދިމާލުން ކަނޑިންމަ ކައިރިއަށް ބަންޑުން ޖެހިއިރު، އޭގައި ތިބީ ހަތަރު މީހުން ކަމަށް ދޯނީގެ ވެރިފަރާތް ކަމަށްވާ އާދަމް ހިލްމީ ސަން އެފްއެމް ބްރޭކިން ނިއުސް އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ. އޭގެ ތެރޭގައި ބަނގުލަދޭޝް ދެ މީހުން ހިމެނޭ ކަމަށާއި ދޯނި ބަންޑުން ޖެހި ހާދިސާއާ ގުޅިގެން ކެޕްޓަނަށް އަނިޔާވެގެން އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ހިލްމީ ބުންޏެވެ.
ހިލްމީ ބުނީ މިހާރު މަސައްކަތް ކުރަމުން ދަނީ އެހެން ދޯންޏެއްގައި ކަފު ޖަހައިގެން، މާލޭ ހާބަރަށް "ހައްދުންމަތި" ވައްދަން ކަމަށާއި ދޯންޏަށް ވެފައި ހުރި ގެއްލުންތައް އެނގޭނި ފަޅުތެރެއަށް ވައްދައިފައި ދިޔަގަނޑު ހިއްކާލުމުން ކަމަށެވެ.
"ހައްދުންމަތި" ދޯންޏަކީ ކޮންޓްރެކްޓް އުސޫލުން އެސްޓީއޯ އަށް ތިލަފުށިން މުދާ އުފުލައިދޭ ދޯންޏެކެވެ.