ބޮލުގެ އޮޕަރޭޝަނަކަށްފަހު ހޭނާރައިގެން އިންޑިޔާއަށް ގެންދިޔަ ޏ. ފުވައްމުލަކުގެ މީހެއް އިންޑިޔާގެ ހޮސްޕިޓަލެއްގައި ހޭނާރާ އޮންނަތާ ފަސް މަސް ވެއްޖެ އެވެ.


އުމުރުން 66 އަހަރުގެ ހަސަން އަޙްމަދުގެ އަނބިމީހާ، އުމުރުން 51 އަހަރުގެ ސޮފިއްޔާ އިބްރާހިމް މިއަދު ބުނިގޮތުގައި އޭނާގެ ފިރިމީހާ ޓްރިވެންޑްރަމްގެ އާނަންތަޕޫރީ ހޮސްޕިޓަލްގައި އެއްވެސް ހޭވެރިކަމެއް ނެތި އޮންނަތާ މި މަހުގެ 14 އަށް ފަސް މަސް ވާނެ ކަމަށާއި ފިރިމީހާ ހޮސްޕިޓަލްގައި ބާއްވައިގެން ހަތަރު ލައްކަ ހަތްދިހަ ފަސް ހާސް އިންޑިޔަން ރުޕީސް އެ ހޮސްޕިޓަލަށް ދައްކަން ޖެހިފައިވާ ކަމަށެވެ. އަދި މަދަނައިގެ ދަށުން މިހާތަނަށް އެމީހުންނަށް ދެ ލައްކަ ފަންސާސް ފަސް ހާސް އިންޑިއަން ރުޕީސް ދައްކާފައިވާއިރު ބާކީ އަދިވެސް ނުދެއްކި ގާތްގަނޑަކަށް 4،800 ޑޮލަރު އެބައޮތް ކަމަށް ވެސް ސޮފިއްޔާ ބުންޏެވެ.


ދިހަ ކުދިންގެ ބައްޕަ ބަލިވެގެން އިންޑިޔާއަށް ގެންދަން ޖެހުނު ގޮތް ވަރަށް އަސަރާއެކު ކިޔައިދެމުން ސޮފިއްޔާ ބުނީ އެމީހުން ރަށުގައި އުޅެނިކޮށް ފައިގައި ރިއްސާ ކަމަށް ހަސަން އަހުމަދު ބުނުމުން، ފުވައްމުލަކު ހޮސްޕިޓަލަށް ދެއްކީ ކަމަށާއި އެ ހޮސްޕިޓަލްގެ އިރުޝާދުގެ މަތިން މާލެ ގެނެސް އައިޖީއެމްއެޗަށް ދެއްކީ ކަމަށެވެ. އަދި ހަސަން މަނިކުގެ ބޮލުގައި ރިއްސާތޯ ޑޮކްޓަރ ސުވާލުކުރުމުން ބައެއް ފަހަރު ރިއްސާ ކަމަށްވެސް އޭނާ ބުނެފައިވާ ކަމަށް ސޮފިއްޔާ ބުންޏެވެ. އަދި ފިރިމީހާގެ ސިކުނޑީގައި ގަނޑު ލޭކޮޅެއް ހެދިފައިވާ ކަމަށާއި އެ ލޭކޮޅުން ސިކުނޑިއަށް ލޭ ފައިބަމުންދާ ކަމަށް ބުނެ އޭނާގެ ބޮލުގެ އޮޕަރޭޝަނެއް އައިޖީއެމްއެޗުން ކުރީ ކަމަށް ވެސް އޭނާ ކިޔައިދިނެވެ. ނަމަވެސް އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެކަމާ އޭނާ އިންކާރުކޮށްފައިވާނެ ކަމަށްވެސް ސޮފިއްޔާ ބުންޏެވެ.


އައިޖީއެމްއެޗްގައި ހަސަން މަނިކު އޮންނަތާ ބަރާބަރު ދެ މަހާއި ބައި ވުމަށްފަހު އިންޑިޔާއަށް ގެންދިޔައީ އަވަސް ފަރުވާއަކަށް އުއްމީދުކޮށްގެން ކަމަށާއި ނަމަވެސް އިންޑިޔާގެ ހޮސްޕިޓަލްގައި އޮންނަތާ ވެސް އާދީއްތަ ދުވަހަށް ފަސް މަސް ވާނެ ކަމަށް އޭނާ ބުންޏެވެ.


ހަސަން އަޙްމަދުގެ ބޭސް ފަރުވާ އަށް އެހީ ހޯދުމަށްޓަކައި، އިންޑިޔާގެ އާނަންތަޕޫރީ ހޮސްޕިޓަލްގައި އޭނާ އޮތް މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ޖަހައިފައިވާ ލިއުމެއް ވަނީ ދުވަހު ނޫހެއްގައި ޝާއިކުކޮށްފަ އެވެ. އަދި އެ އާއިލާ އަށް ދީލަތި އެހީއެއް ވެދިނުމަށް ވެސް އާއިލާގެ ފަރާތުން އެ ލިއުމުގައި ވަނީ އެދިފަ އެވެ.


ހަސަން އަހްމަދު އައިޖީއެމްއެޗްގައި ކުރި އެ އޮޕަރޭޝަނާ ބެހޭ އިތުރު މައުލޫމާތު އައިޖީއެމްއެޗުން އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.