06 Dec 2012, 15:10
އަންނަ އަހަރަށް ލަފާކުރާ 16.9 ބިލިއަން ރުފިޔާގެ ބަޖެޓުން ދައުލަތުގެ ޑެފިސިޓް ފޫބެއްދުމަށް އެކަށީގެންވާ ވަރަށް އާމްދަނީއެއް ނުލިބޭނެ ކަމަށާއި އެހެންކަމުން އަންނަ އަހަރުގެ ބަޖެޓް ޑެފިޒިޓް 5.9 ބިލިއަނަށް ރުފިޔާއަށް އަރާނެ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
ބަޖެޓް ބަހުސްގެ މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދަޅުވީ އިމްޕޯޓް ޑިއުޓީ އަލުން ނަގަން ފެށުމާއި ޓެކްސް ބޮޑު ކުރުމަށް ބަޖެޓްގައި ހިމަނާފައި އޮތަސް، އެ ޓެކްސްތައް ނެގުމަށް ބަޖެޓްގައި ހިމަނައިގެން ނުވާނެ ކަމަށެވެ. އަދި އަލަށް ތައާރަފް ކުރާ ޓެކްސްތަކުން ލިބޭނެ ކަމަށް އަންދާޒާ ކުރާ 1.8 ބިލިއަން ރުފިޔާ އަންނައަހަރުގެ ބަޖެޓުން އުނިކުރަން ޖެހޭ ކަމަށެވެ.
އެމްޑީޕީ ސަރުކާރުން ވެރިކަމަށް އައުމަށްފަހު އިމްޕޯޓް ޑިއުޓީ ކަނޑާލާފައި ވަނިކޮށް، އެ ޑިއުޓީ ރިވައިސްކޮށްގެން 250 މިލިއަން ރުފިޔާ އަންނަ އަހަރު ލިބޭނެ ކަމަށާއި ޓީޖީއެސްޓީ 8 ޕަސެންޓުން 15 ޕަސެންޓަށް ބޮޑުކޮށްގެން 131 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓްގައި ޖަހާފައި އޮތަސް އެ އަދަދުތައް ބަޖެޓުން އުނި ކުރުމަށް އިބޫ ގޮވާލެއްވި އެވެ. އަދި މުވާސަލާތީ ހިދުމަތްތަކުން ޖީއެސްޓީ ނަގައިގެން 200 މިލިއަން ރުފިޔާ ދައުލަތަށް ލިބުމަށް ދެކޮޅު ހައްދަވާ ކަމަށް އިބޫ ވިދާޅުވި އެވެ.
އަލަށް ތައާރަފް ކުރާ ޓެކްސްތައް ބަޖެޓުން އުނިކުރުމުން ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބޭނީ 11 ބިލިއަން ރުފިޔާ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި ވިދާޅުވީ ފިނޭންސުން އަންދާޒާކޮށްފައިވާ 12.8 ބިލިއަން ރުފިޔާ އާމްދަނީއަކީ ލިބޭނެ އެއްޗެއް ނޫން ކަމަށެވެ.
ދައުލަތުގެ ރިކަރަންޓް ހަރަދުގެ ގޮތުގައި 12.005 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވުމުން އާމްދަނީ އާއި ދައުލަތުގެ ހަރަދާ ނުބައްދަލުވާ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި 11 މިލިއަން ރުފިޔާއިން ދައުލަތުގެ ހަރަދު ފޫ ނުބެއްދޭނެތީ 16.9 ބިލިއަން ރުފިޔާގެ ބަޖެޓް 5.9 ބިލިއަނުން ޑެފިޒިޓްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
"ފިނޭންސް މިނިސްޓަރު ވިދާޅުވި 2013 ވަނަ އަހަރުގެ ބަޖެޓް ޑެފިޒިޓް އަރާނީ 2.3 ބިލިއަން ރުފިޔާއަށޭ. އެއީ މި ހިނގާ އަހަރުގެ ޑެފިޒިޓްގެ ދެ ބިލިއަން ރުފިޔާ މަދު އަދަދެއް. މީއީވެސް ވަރަށް ބޮޑު އޮޅުވާލުމެއް. އަޅުގަނޑު ކުރިން ވެސް ދެންނެވިން އާމްދަނީގެ ގޮތުގައި ދައުލަތަށް އެންމެ ގިނަވެގެން ވެސް ލިބޭނީ 11 ބިލިއަން ރުފިޔާއޭ. އެހެންވީމަ 16.9 ބިލިއަން ރުފިޔާގެ ބަޖެޓް 5.9 ބިލިއަނުން ޑެފިޒިޓްވާނެ،" އިބޫ ވިދާޅުވި އެވެ.
ހެލްތު ކޯޕަރޭޝަންތަކުގައި ތިބި 5000 މުވައްޒަފުން ސިވިލް ސާވިސް ކޮމިޝަން (ސީއޭސްސީ)އަށް ބަދަލު ކުރުމުން ދައުލަތުގެ ރިކަރަންޓް ހަރަދު 14 ޕަސެންޓަށް ބޮޑުވެގެންދާނެ ކަމަށް ބަޖެޓްގައި ބުނެފައި އޮތަސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. ރިކަރަންޓް ހަރަދުގެ ތަފްސީލްގެ ގޮތުގައި ސިފައިންނާއި ފުލުހުންގެ ތެރެއަށް 800 މީހުން އިތުރު ކުރާ ވާހަކަ އާއި ސަލާމަތީބާރުތަކުގެ މުސާރަ ބޮޑު ކުރާ ވާހަކަ އޭގެ ތެރޭގައި ހިމަނާފައި ނެތް ކަމަށް އިބޫ ފާހަގަ ކުރެއްވި އެވެ.
ނަމަވެސް ހެލްތު ކޯޕަރޭޝަންތަކުން މުވައްޒަފުން ސީއެސްސީއަށް ބަދަލު ކުރުމުން ދައުލަތުގެ މުސާރަ 37 ޕަސެންޓަށް އިތުރުވާ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށެވެ. ސަލާމަތީ ބާރުތަކަށް މުސާރަ ބޮޑު ކުރުމަށްވެސް ބަޖެޓްގައި ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީކީ ފިނޭންސް މިނިސްޓަރު ވިދާޅުވާކަހަލަ 'މިއީކީ ވަރަށް ބޮޑަށް ދަރާފައިވާ ގައުމެކޭ' ބުނުމުގެ ބަދަލުގައި އޭރު އެ ބޭފުޅުން ވިދާޅުވާނީ މިއީ ބަނގުރޫޓްވެފައި އޮތް ގައުމެކޭ،" އިބޫ ވިދާޅުވި އެވެ.